ބަންގްލަދޭޝް އާއި ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު ރާއްޖެއިން ނުކުންނާނީ އެންމެ ފަހުންވީ ބަލި ހަނދާން ނައްތާލުމަށް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) ބުނެފިއެވެ.
ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން އަކޫ ބުނީ ގިނަ ދުވަސްތަކަކަށްފަހު އެކުވެރިކަމުގެ މެޗަކަށް ގައުމީ ޓީމުން ނުކުންނަނީ ލަންކާގައި ބޭއްވި ފޯ ނޭޝަން ކަޕުން އެ ޓީމު އަތުންވި ބަލި ހަނދާން ނަށްތައިލާން ކަމަށާއި ސަރަހައްދީ ވާދަވެރި ގައުމަކާއި ދެކޮޅަށް ކަމަށާއި، އަނެއްކޮޅުން އެންމެ ފަހުން ރާއްޖެއިން ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި އޮތުމުން މި މެޗަށް ނުކުންނާނީ އެ ބަލި ހަނދާން ނަށްތައިލުމަށް ކަމަށެވެ.
އަކޫ ބުނީ މި މެޗަށް ނުކުންނައިރު، ޓީމުން ގިނަ ބަދަލުތަކެއް ފެނިގެންދާނެ ކަމަށާއި، އެގޮތުން ބައެއް މުހިންމު ކުޅުންތެރިން އަނިޔާގައި ތިބުމުން މި މެޗު އެ ކުޅުންތެރިންނަށް ގެއްލޭނެ ކަމަށެވެ. އެކަމަކު އެ ކުޅުންތެރިންގެ ބަދަލުގައި ކުޅެން އަރާ ކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް އަކޫ ބުންޏެވެ.
އަކޫ ބުނީ މިއީ ސަރަހައްދީ ވާދަވެރި ދެ ޓީމުކަމުން މި މެޗުން މޮޅުވުމަކީ ގައުމީ ޓީމަށް މުހިންމު ކަމެއް ކަމަށެވެ.
ގައުމީ ޓީމުން ބަންގްލަދޭޝް އާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއްގައި މީގެ ކުރިން ބައްދަލުކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.
އަދި އޭގެ ފަހުން މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގައިވެސް މި ދެ ޓީމު ވާދަކޮށްފައިވާއިރު، އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެކަމަކު ރާއްޖެއިން ބަންގްލަދޭޝް އާއި ދެކޮޅަށް މިދިޔަ ނޮވެމްބަރު މަހު ލަންކާގައި ބޭއްވި ފޯ ނޭޝަން ކަޕުގައި ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.
ގައުމީ ޓީމުން ބަންގްލަދޭޝް އާއި ދެކޮޅަށް އެކުވެރިކަމުގެ މެޗަކަށް މި ނުކުންނަނީ ކުރިއަށް އޮތް އޭޝިއަން ކަޕުގެ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނެވެ.