ޚަބަރު

މާލޭގައި ރޭ ހިންގި އޮޕަރޭޝަނުގައި 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް: ފުލުހުން


މާލޭގައި ފުލުހުން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނުގައި 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނަކީ ވައިގެމަގުން ރާއްޖެއަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްފައިވާކަމުގެ މަޢުލޫމާތު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދެއްވުމާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްކަމަށެވެ.

މި އޮޕަރޭޝަނުގައި ސޯސަންމަގުން ދުއްވާފައިދިޔަ ޕިކަޕެއްގެ ތެރެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު މިމައްސަލައިގައި ފުލުހުން ވަނީ 4 މީހަކުވެސް ހައްޔަރުކޮށްފައެވެ. އެގޮތުން މިމައްސަލައިގައި 27 އަހަރާއި 37 އަހަރާއި ދެމެދުގެ 2 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 2 ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަޙުގީގު ކުރަމުން އަންނަކަމަށެވެ.

މިފަހަކަށް އައިސް ފުލުހުން ހިންގާފައިވާ އެކި އޮޕަރޭޝަންތަކުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަންނަމުންނެވެ.