ޚަބަރު

ދެކުނު ކޮރެޔާގެ ރައީސް އޮފީސް ދިފާޢީ ވުޒާރާއަށް ބަދަލުކުރަނީ


ދެކުނު ކޮރެޔާގެ ރައީސް އޮފީސް އެ ޤައުމުގެ ދިފާޢީ ވުޒާރާއަށް ބަދަލުކުރަން ނިންމައިފިއެވެ.

ދެކުނު ކޮރެޔާގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ ޔޫން ސޫކް ޔޯލްގެ އެންގެވުމަށް އަދި އެ ޤައުމުގެ ސަޤާފަތްތަކާ ޚިލާފަށް ރައީސް އޮފީސް ބަދަލުކުރުމަށް ބޮޑު ޚަރަދެއް ކުރަން ޖެހޭނެއެވެ. ޔޫން ނިންމަވާފައިވަނީ އެ ޤައުމުގެ ރައީސް އޮފީސް ޢާއްމުންނާ ކައިރި ހިސާބަކަށް ބަދަލުކޮށް ޢާއްމުންނަށް ވަދެވޭ ގޮތަށް ރައީސް އޮފީސް ހުޅުވާލުމަށެވެ. އޭގެ އިތުރުން އޭނާވަނީ ރިޔާސީ ގަނޑުވަރުވެސް ޢާއްމުން ދިރިއުޅޭ ހިސާބަކަށް ބަދަލުކުރެއްވުމަށް ނިންމަވައިފައެވެ. ނަމަވެސް އެ ނިންމެވުމުގެ ސަބަބުން ޢާއްމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބަދަލުތަކެއް ގެންނަން ޖެހި ސަލާމަތީ ސަބަބުތަކަަށް ބައެއް ސަރަޙައްދުތައް ބަންދުކުރަން ޖެހުމުން ޢާއްމުންނަށް ކުރިމަތިވާނެ އުނދަގޫތައް ބޮޑުވާނެކަމަށް ބެލެއެވެ.

ދެކުނު ކޮރެޔާގެ މާލީ އަދި އިޤްތިޞާދީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގެ ދިފާޢީ ވުޒާރާއަށް ރައީސް އޮފީސް ބަދަލުކުރުމަށްފަހު ދިފާޢީ ވުޒާރާ ހިންގުމަށް އައު އިމާރާތެއް ދޭން ނިންމާފައިވާކަމަށެވެ. އެ ކަމަށް 40 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރަން ޖެހޭނެކަމަށް މާލީ ވުޒާރާއިން ބުނެއެވެ.

ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްގައި ހުންނަ އެ ޤައުމުގެ ރައީސް އޮފީސްކަމަށްވާ ބުލޫ ހައުސަކީ އެ ޤައުމުގެ ސަޤާފަތާއި ތަރިކަ ދައްކުވައިދޭ އިމާރާތެކެވެ. އަދި އެއީ ދުނިޔޭގައި އެންމެ ބޮޑަށް ރައްކާތެރިކޮށްފައިވާ ރައީސް އޮފީހެވެ.