ޚަބަރު

ޔޫކްރެއިނުގެ މައްސަލާގައި ޢަމަލުކުރާނީ ގިނަ ޤައުމުތަކުން ބޭނުންވާ ގޮތަށް: ޗައިނާ


ޔޫކްރެއިނުގެ މައްސަލާގައި ޗައިނާއިން ޢަމަލުކުރާނީ ގިނަ ޤައުމުތަކުން ބޭނުންވާ ގޮތަށްކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވެއްޖެއެވެ.

ޔޫކްރެއިނުގެ މައްސަލާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންނާއި އެމެރިކާގެ ރައީސް ޖޯ ބައިޑަންނާ ދެމެދު ބޭއްވެވި މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވާންގް ވިދާޅުވީ ޗައިނާއާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކުރުވަން އެ ޤައުމުން ޖާގަނުދޭނެކަމަށެވެ. އަދި ޗައިނާއިން އަބަދުވެސް ވަކާލާތުކުރަނީ ހަނގުރާމައާއި ދެކޮޅުވެރިކަމަށްވުރެ ޞުލްޙަވެރިކަންކަމަށާއި އެއީ ގިނަ ޤައުމުތަކުން ބޭނުންވާ ގޮތްކަމަށް ވާންގް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ޖީލުތަކުން ޗައިނާއިން މިހާރު އަޅަމުންދާ ފިޔަވަޅުތަކަށް ތަޢުރީފުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެފަހުން ފުރަތަމަ ފަހަރަށް ޝީއަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި ބައިޑަންވަނީ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ރަޝިޔާއަށް އެހީތެރިވެއްޖެނަމަ ޗައިނާއަށް ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ހަނގުރާމާގައި ރަޝިޔާއަށް އެހީތެރިވާނަމަ ޗައިނާއާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި އެމެރިކާއިން ފަސްނުޖެހޭނެކަމަށް ބައިޑަން ވިދާޅުވިއެވެ.

ޔޫކްރެއިނަށް ޙަމަލާދޭން ފެށުމުން ރަޝީޔާއާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް ހުޅަނގުގެ ބާރުތަކުން އެޅި ނަމަވެސް އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ޗައިނާގެ އެއްބާރުލުމެއް ނުލިބެއެވެ. އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިޔާއަށް ކޮށްފާނެ އަސަރު ކުޑަވެދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ. އަދި އދގެ ސަލާމަތީ މަޖިލީހާއި އދގެ ޢާއްމު މަޖިލީހުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ޗައިނާގެ ތާޢީދެއް ނުލިބުނެވެ.

ޗައިނާއިން ބުނެފައިވަނީ ޔޫކްރެއިނުގެ ސިޔާސަތުތަކުގެ ސަބަބުން ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެފައިވާކަމަށް ޤަބޫލުކުރާކަމަށާއި މަޝްވަރާކޮށްގެން އެ މައްސަލަތަކަށް ދާޢިމީ ޙައްލެއް ގެނައުން މުޙިއްމުކަމަށެވެ. ވަރަށް އެއްކަހަލަ ސިޔާސަތުތަކެއް ގެންގުޅޭ ރަޝިޔާއާއި ޗައިނާގެ ގުޅުންތައް ފާއިތުވި އަހަރުތަކުގެ ތެރޭގައިވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އަދި ޔޫކްރެއިނަށް ޙަމަލާދިނުމަށް ޢަމުރުދެއްވުމުގެ ކުރިން ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންވަނީ ޝީއާ ބައްދަލުކުރައްވައި ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަން ކަށަވަރުކުރައްވައިފައެވެ.