ޚަބަރު

ބައިނަލްއަޤްވާމީ ހަމަތައް ރަޝިޔާއިން ގުޑުވާލައިފި: ޖަޕާން


ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ރަޝިޔާއިން ދޭން ފެށުމުން ބައިނަލްއަޤްވާމީ ހަމަތައް ގުޑިއްޖެކަމަށް ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝީޑާ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީގައި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ކީޝީޑާ ވިދާޅުވީ ޔޫކްރެއިނުގެ ހަނގުރާމައަށް ސާފު ރައްދެއް ދޭން ޖެހޭކަމަށެވެ. އަދި ޤައުމުތަކުގެ މެދުގައި ޖެހޭ މައްސަލަތަކަށް ބައިނަލްއަޤްވާމީ ޤާނޫނުތަކުން ޙައްލު ހޯދައި ޞުލްޙަ ޤާއިމުކުރުން މުޙިއްމުކަމަށް ކިޝީޑާ ވިދާޅުވިއެވެ. އޭނާ އެ މޭރުމުން ވާހަކަދެއްކެވީ ހުޅަނގުގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ފިޔަވަޅުތައް ޖަޕާނުން ތަންފީޒުކުރާނެކަމަށް ބުނެފައިވަނިކޮށެވެ. އަދި ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނު ދޫކޮށް ހުޖުރަކުރަމުންދާ މީހުންނަށް ޖަޕާނުން ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސްވަނީ ނިންމައިފައެވެ.

ރަޝިޔާއިން ދެމުންދާ ޙަމަލާތަކުގައި ޔޫކްރެއިނުގެ ނިޔުކްލިޔަރ މަރުކަޒުތައް ރައްކާތެރިކުރުމަށް ބާރުއެޅުއްވި ނަމަވެސް އެ ބައްދަލުވުމުގައި ރަޝިޔާގެ ޢަމަލުތައް ކުށްވެރިކުރުމަށް މޯދީ ފަސްޖެހިވަޑައިގަތެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ހަމަތައް ތަންފީޒުކުރުމުގައި ދަތިތަކަކާ އިންޑިޔާއިން ކުރިމަތިލާން ޖެހޭކަމަށް މޯދީ ފާހަގަކުރެއްވިއެވެ. އަސްކަރީގޮތުންނާއި އިޤްތިޞާދީގޮތުން ރަޝިޔާއާ ގާތްގުޅުންތަކެއް ބާއްވަމުންދާ އިންޑިޔާއިން އދގެ ސަލާމަތީ މަޖިލީހުންނާއި އދގެ ޢާއްމު މަޖިލީހުގައި ރަޝިޔާއާ ދެކޮޅަށް ވޯޓުދީފައެއް ނުވެއެވެ. އަދި ހުޅަނގުގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ފިޔަވަޅުތައް ތަންފީޒުކުރުމަށް އިންޑިޔާއިންވަނީ ދެކޮޅުހަދައިފައެވެ.

ކުއަޑުރިލެޓަރަލް ސެކިޔުރިޓީ ޑައިލޮގު، ކުއަޑުގައި ހިމެނޭ އިންޑިޔާއާއި ޖަޕާނުގެ އިސްވެރިންވަނީ އެ ބައްދަލުކުރެއްވުމަށްފަހު މުޙިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. އެ ގޮތުން ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި 42 މިލިޔަން އެމެރިކާ ޑޮލަރު އިންޑިޔާގެ ވިޔަފާރީގެ ދާއިރާއަށް ޚަރަދުކުރުމަށް ޖަޕާނުންވަނީ އެއްބަސްވެފައެވެ. އަދި ޖަޕާނުގެ ސުޒުކީ މޯޓަރ ކުންފުނިން އިންޑިޔާގެ ގުޖުރާތުގައި ކާރު އުފެއްދުމަށް 1.4 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށްވަނީ އެއްބަސްވެފައެވެ.

2000ވަނަ އަހަރުގެ ފަހުން އިންޑިޔާގެ އެކި ސިނާޢަތްތަކަށް ޖަޕާނުންވަނީ 27 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ.