ޚަބަރު

ކުރިއަށް އޮތްތަނުގައި ފިޔަވަޅު އަޅާނީ ބަލި ފެތުރޭ ސަރަހައްދުތަކުގައި އެކަނި: ނަސީމް


ކޯވިޑް-19ގެ އިތުރު ރާޅަކާއި ކުރިމަތިލާން ޖެހިއްޖެނަމަ، ބަލި ކޮންޓްރޯލްކުރުމުގައި އިސްކަންދެއްވާނީ އިމަރޖެންސީ ހާލަތަކަށް ދިއުމުގެ ބަދަލުގައި ބަލިފެތުރޭ ސަރަހައްދަކަށް އިސްކަންދީގެން ކޮންޓްރޯލްކުރުމަށް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަދިވެސް ދުނިޔޭގައި ޕެންޑެމިކްގެ ހާލަތު އެބައޮތްކަމަށެވެ. ނަމަވެސް ރާއްޖޭގައި އޮމިކްރޯންގެ ހާލަތު ފަހަނައަޅައިގޮސް ކޭސްތަކުގެ އަދަދު މިހާރު ދައްވެފައިވާކަމަށެވެ. މިކަމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ ކޮންމެހެން އިމަރޖެންސީ ހާލަތު ބާއްވާކަށް މިހާރު ނުޖެހޭނެކަމަށާއި މިފިޔަވަޅު ރާއްޖޭގައި އަޅާފައި މިވަނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައިކަމަށެވެ.

މިނިސްޓަރ ވަނީ ދުނިޔޭގައި ކޯވިޑް އޮތްހާ ހިނދަކު ރާއްޖޭގައިވެސް ކޯވިޑްގެ އިތުރު ރާޅެއް ނުވަތަ ސާރޖަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ކުރިއަށް އޮތް ތަނުގައި ކޯވިޑްގެ ކޭސްތައް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިތުރުވާން ފަށައިފިނަމަ އިސްކަންދެއްވާނީ މުޅި ރާއްޖޭގައި ފިޔަވަޅު އެޅުމުގެ ބަދަލުގައި ބަލި ފެތުރޭ ސަރަހައްދަށް އިސްކަންދެއްވައިގެން ބަލި ކޮންޓްރޯލްކުރުމަށް ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

" ރާއްޖޭގެ ކޮންމެ ހިސާބެއްގައި ކޯވިޑްގެ ސާރޖެއް އައި ކަމުގައިވީނަމަވެސް އެތަނެއް ކަރަންޓީނުކޮށްގެން އެކަންތައްތައް ހައްލުކުރެވޭނެ ނިޒާމު އަޅުގަނޑުމެންނަށް ޤާއިމުކުރެވޭނެ މިހާރު. އެއީ މިހާރު އެވަރު ތަޖުރިބާ އަޅުގަނޑުމެންގެ އެބަހުރި. " ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖޭގައި ފެތުރޭ ކޯވިޑް ވޭރިއަންޓް ފުރަތަމަ ފެނުނު ދުވަސްކޮޅު ގިނަބަޔަކަށް ބަލި ޖެހުނު ނަމަވެސް މިހާރުގެ ވޭރިއަންޓަކީ ލުއި ވޭރިއަންޓެއްކަމަށް ފާހަގަ ކުރެވިފައިވާކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ކޯވިޑާއި ގުޅިގެން ރާއްޖޭގައި އެޅި ފިޔވަޅުތައް އުވާލެއްވުމުގައި ބެއްލެވި ކަންކަމުގެ ތަފްޞީލުވެސް ހިއްސާކުރައްވާފައެވެ. ޚާއްޞަގޮތެއްގައި ސިއްޙީ ޚިދުމަތްތެރިންގެ ލަފައާއި އިރުޝާދަށް އިސްކަންދެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިހާރު މިފިޔަވަޅު އެޅީ ޕެންޑެމިކަށް ވަރަށް ރަނގަޅަށް ޤައުމު ތައްޔާރުވުމަށްފަހުގަ. އަދި އިތުރު ރާޅެއް އައި ކަމުގައިވީނަމަވެސް އެއަށް އަޅުގަނޑުމެންނަށް ރަނގަޅަށް އެކަށީގެންވާ ގޮތެއްގައި ފޭސް ކުރެވޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ. " ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ދައްވުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މިމަހުގެ 13 ވަނަ ދުވަހު އުވާލާފައެވެ. ދެ އަހަރަށްފަހު އުވާލި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނުކުރީ 2020ވަނަ އަހަރުގެ މާރޗް މަހުގެ 12ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ މަހަކުވެސް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ކޯވިޑްގެ ގެއްލުންތައް ސީދާގޮތުންނާއި ނުސީދާގޮތުން ނުފޯރާ އެންމެ އާއިލާއެއްވެސް ރާއްޖޭގައި ނެތެވެ. ކޯވިޑާއެކު މި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ދަތިތަކާއި އުނދަގޫތައް އާއްމުންގެ ފަރާތުން ތަހައްމަލްކުރުމަށްފަހު އަނެއްކާވެސް ޤައުމު މިވަނީ އާންމު ހާލަތަކަށް އައިސްފައެވެ.

ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތައް އުވާލާފައިވާއިރު، ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޚާއްޞަކޮށް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ މީހުންގެ ޢަދަދު ނިސްބަތުން މަދުކަމަށް މިނިސްޓަރ ވަނީ މި ޕްރޮގްރާމްގައި ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިހާރު އަންނަނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލަމުންނެވެ.