ޚަބަރު

ފަތުރުވެރިކަމުގައި ތޮއްޑޫގެ ކުރު މާޒީ: ވިޔަފާރިތެރެއަށް 50 ގެސްޓްހައުސް


3 ކޮޓަރީގެ ގެސްޓްހައުސްއަކާއެކު ތޮއްޑޫ ރަށު ފަތުރުވެރިކަމަށް ވަނީ 2013ވަނަ އަހަރުއެވެ. މިއަދު ފާހަގަކުރަނީ އއ.ތޮއްޑޫގައި 50 ގެސްޓްހައުސް ޚިދުމަތަށް ނެރުމުގެ ދުވަހެވެ. ތޮއްޑޫގެ 50ވަނަ ގެސްޓް ހައުސް ޚިދުމަތަށް ނެރުން ފާހަގަކުރުމަށް ބޭއްވި ޙަފްލާ ޝަރަފުވެރި ކޮށްދެއްވީ، ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްއެވެ.

ލޯކަލް ޓުއަރިޒަމް ތައާރަފްވެ 8 އަހަރު ފަހުން، ތޮއްޑޫ މިހާރުވެފައި މިވަނީ ރާއްޖޭގެ ލޯކަލް ޓުއަރިޒަމްގެ އެންމެ ކުރިއަރާފައިވާ އެއް ރަށަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ 50އަހަރު ފާހަގަކުރަމުންދާ މި އަހަރު، ތޮއްޑޫއިން ފާހަގަކުރަމުން މިދަނީ ރަށު ފަތުރުވެރިކަމުގައި ތޮއްޑޫގެ 50ވަނަ ގެސްޓްހައުސް ޚިދުމަތަށް ނެރުމުގެ މުނާސަބާއެވެ. ތޮއްޑޫ މިހާރު އިނގެނީ "ތޮއްޑޫ ކަރާ"ގެ މަޝްހޫރުކަމުން އެކަންޏެއް ނޫނެވެ. ތޮއްޑޫ ވެފައި މިވަނީ ރަށު ފަތުރުވެރިކަމުގެވެސް ނަމޫނާއަކަށެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަޙުމަދު ކަރަމް ވިދާޅުވީ 50ވަނަ ގެސްޓް ހައުސްއާއެކު، ތޮއްޑޫއިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް 650 އެނދު މިހާރު ނެރެފައިވާކަމަށެވެ. ރަށުގެ އަމާޒަކީ 2023ވަނަ އަހަރު، 1000 އެނދާއެކު ފެށުންކަމަށް އޭނާ ވިދާޅުވިއެވެ.
ކަރަމް ވިދާޅުވީ ކޯވިޑްގެ ޙާލަތުގެ ތެރެއިންވެސް 200 އެނދު މުޅިން އަލަށް ވިޔަފާރިއަށް ނެރެވިއްޖެކަމަށެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއާއެކު، ރަށުގެ އާއްމު އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ކުރިއަރައިގެން ހިނގައްޖެއެވެ. ފަތުރުވެރިކަމުގެ ނަފާ ރަށުގެ ހުރިހާ ދާއިރާތަކަކަށް ލިބެމުންދާކަމަށް ކަރަމް ވިދާޅުވިއެވެ.

"ކޯވިޑަށްފަހު އެންމެ ގިނަ އެނދު މާކެޓަށް ނެރުނު ރަށަކަށް މި ރަށް ވާނެ. 200 އެނދު އިތުރަށް ނެރެވިއްޖެ. އަމާޒަކީ އަންނަ އަހަރު 1000 އެނދާއެކު ފެށުން". ކަރަމް ވިދާޅުވިއެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ވިދާޅުވީ ފަތުރުވެރިކަމުގައި ތޮއްޑޫއަކީ މިހާރު ނަމޫނާ ރަށެއްކަމަށެވެ. އަދި ދަނޑުވެރިކަމަށް މަޝްހޫރު ތޮއްޑޫގެ ދަނޑުތަކުން އުފައްދާ ބާވަތްތަކުގެ %50 ރަށަށް ވިއްކަމުންދާކަމަށެވެ. ޝިޔާން ވިދާޅުވީ ދެމެހެއްޓެނި ގޮތުގައި ފަތުރުވެރިކަން ކުރުމަށް ލޯކަލް ޓުއަރިޒަމް އިތުރު މަރކެޓްތަކަށް ފުޅާކުރުން މުހިންމުކަމަށެވެ.

"މަޖިލީހާ ސަރުކާރުގެ މަސައްކަތާއެކު ކުޑަ އުޖޫރައާއި، ސަރވިސް ޗަރޖް އިންސައްތަ ކަނޑައެޅުމާއެކު ބޮޑު ހެޔޮ ބަދަލެއް ފެނިއްޖެ." ޝިޔާން ވިދާޅުވިއެވެ.

ތޮއްޑޫގައި 50 ގެސްޓްހައުސް ހިންގުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ތޮއްޑޫގެ ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވި މީހުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފައެވެ. ފިލާ ހަވާލުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްއެވެ.

މި ރަސްމިއްޔާތުގައިވަނީ ތޮއްޑޫގެ ޚާއްސަ ސްވެނިއަރ ސެޓްވެސް ނެރެފައެވެ.