ޚަބަރު

ޔޫކްރެއިނަށް ފޮނުވާނެ ހަތިޔާރެއް ނެތް، ކެނެޑާގެ ގުދަންތައް ހުސްވެއްޖެ


ރަޝިޔާގެ ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނަށް ގިނަ ޢަދަދެއްގެ ހަތިޔާރު ފޮނުވުމުން ކެނެޑާގެ ގުދަންތައް ހުސްވެއްޖެކަމަށާއި އިތުރަށް ފޮނުވޭނެ ހަތިޔާރެއް ނެތްކަމަށް އެ ޤައުމުން ބުނެފިއެވެ.

ސީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރު ޤައުމެއްކަމަށްވާ ކެނެޑާގެ ދިފާޢީ ވަޒީރު އަނީތާ އާނަންދު ވިދާޅުވީ ފޮނުވެން އޮތް މިންވަރަށް ޔޫކްރެއިނަށް ހަތިޔާރު ފޮނުވިއްޖެކަމަށާއި ބާކީ ހުރީ ކިރިޔާ ކެނެޑާގެ ސިފައިންނަށް ފުދޭ މިންވަރަށްކަމަށެވެ.

ހުޅަނގުގެ ބާރުތަކުގެ ތެރެއިން ޔޫކްރެއިނަށް އެންމެ ބޮޑު އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިން ޤައުމުތަކުގެ ތެރޭގައި ކެނެޑާ ހިމެނެވެ. އެ ގޮތުން ފާއިތުވި ދުވަސްތަކުގައި ކެނެޑާއިންވަނީ 4،500 ރޮކެޓު ލޯންޗަރާއި 7،500 އަތުބޮމާއި ޓޭންކަރާ ދެކޮޅަށް ބޭނުންކުރާ 100 ރޮކެޓު ލޯންޗަރާއި 2،000 ރޮކެޓާއި ސީ-130ޖޭ މަރުކައިގެ ދެ މަތިންދާބޯޓު ޔޫކްރެއިނަށް ފޮނުވައިފައެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން އެމެރިކާއިންވަނީ 1 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އަސްކަރީ ސާމާނު ޔޫކްރެއިނަށް ދިނުމަށް ނިންމައިފައެވެ. އަދި ވިލާތުގެ އިއްތިޙާދުންވަނީ 500 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އަސްކަރީ ސާމާނު ޔޫކްރެއިނަށް ފޮނުވާނެކަމަށް ބުނެފައެވެ.