ޚަބަރު

ނޭޓޯގެ ފަރިތަކުރުންތަކުގައި މަތިންދާބޯޓެއް ވެއްޓި އެމެރިކާގެ ސިފައިންގެ ބަޔަކު މަރުވެއްޖެ


ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފަރިތަކުރުންތަކުގައި ބައިވެރިވި އެމެރިކާގެ ހަނގުރާމަތީ މަތިންދާބޯޓެއް ވެއްޓި އޭގައި ތިބި އެންމެން މަރުވެއްޖެއެވެ.

ނޯވޭގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި އެ ޤައުމުގައި ކުރިޔަށްދާ ނޭޓޯގެ ފަރިތަކުރުންތަކުގައި ބައިވެރިވި އެމެރިކާގެ މެރިން ކޯގެ އެމުވީ22ބީ މަރުކައިގެ އޮސްޕުރޭ މަތިންދާބޯޓެއް ވެއްޓުމުން އޭގައި ތިބި ހަތަރު މީހުން މަރުވިކަމަށެވެ. އެ އުޅަނދު ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ބެލެވޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ އުޅަނދު ވެއްޓި އޭގައި ތިބި އެންމެން މަރުވި ނަމަވެސް މޫސުމަށް ބަލައިގެން ފަރިތަކުރުންތައް ކުރިޔަށްގެންދަން ނޭޓޯއިން ނިންމާފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މާރިޗު މަހުގެ 14ވަނަ ދުވަހުން އޭޕުރިލް މަހުގެ 1ވަނަ ދުވަހަށް ކުރިޔަށްގެންދާ ފަރިތަކުރުންތަކުގައި 27 ޤައުމަކުން 30،000 ސިފައިންނާއި 220 ހަނގުރާމަތީ މަތިންދާބޯޓާއި ހެލިކޮޕުޓަރާއި 50 ކަނޑު އުޅަނދު ބައިވެރިވެއެވެ. އަދި ނޭޓޯގެ މެންބަރު ޤައުމުތަކަށް ނުވި ނަމަވެސް ފިންލޭންޑާއި ސުވިޑަންވެސް އެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވެއެވެ.

ސުކެންޑެނޭވިޔާ ސަރަޙައްދުގައި އަހަރަކު އެއް ފަހަރު ބާއްވައި ފަރިތަކުރުންތައް މި އަހަރު ބާއްވަނީ ޔޫކްރެއިނަށް ޙަމަލާދޭން ފެށުމުން ވާދަވެރި ރަޝިޔާއާއި ނޭޓޯއާ ދެމެދު ބޮޑެތި ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.