ޚަބަރު

އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ޗައިނާގައި ބަލިޖެހިގެން ބަޔަކު މަރުވެއްޖެ


އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ޗައިނާގައި ބަލިޖެހިގެން ބަޔަކު މަރުވެއްޖެއެވެ.

ޗައިނާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ޖީލިން ޕުރޮވިންސްގައި ކޯވިޑް-19 ޖެހިގެން ދެ މީހުން މަރުވެފައިވާކަމަށެވެ. އެއީ 2021ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 26ވަނަ ދުވަހުގެ ފަހުން އެ ޤައުމުގައި ބަލިޖެހިގެން ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. އެއާއެކު ބަލިމަޑުކަމުގައި އެ ޤައުމުގައި މަރުވި މީހުންގެ ޢަދަދުވަނީ 4,365އަށް އިތުރުވެފައެވެ.

ޗައިނާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 4,051 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 127،000އަށްވުރެ އިތުރުވެފައެވެ. އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ގޮތުގައި ކަނޑައަޅަނީ ބަލީގެ އަލާމާތްތައް ފެންނަނަމައެވެ. އެހެންކަމުން އެ ޤައުމުގައި ބަލިޖެހުނު މީހުންގެ އަސްލު ޢަދަދު އެއަށްވުރެ އިތުރުވާނެކަމަށް ބެލެވެއެވެ.

2019ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާނުން އެންމެ ފުރަތަމަ ފެނުނު ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެ ޤައުމުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް އަދިވެސް ދީފައެއް ނުވެއެވެ. އެ ގޮތުން ޗައިނާގެ ސަރަޙައްދީ ރޮނގު ބަންދުކުރުމުގެ އިތުރުން އެ ޤައުމުގެ އެއްވެސް ރަށަކުން ބަލިޖެހިފައިވާ މީހެއް ފެނިއްޖެނަމަ އެ ރަށެއް ފުރަބަންދުކޮށް އެ ސަރަޙައްދުގައި ދިރިއުޅޭ އެންމެން ބައްޔަށް އަދިވެސް ތަޙްލީލުކުރެއެވެ.