ޚަބަރު

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް %48.8ގެ ކުރިއެރުމެއް


އަހަރުގެ މިހާތަނަށް ރާއްޖެއަށް 359272 ފަތުރުވެރިން އައިސްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 48.8 އިންސައްތަ އިތުރު އަދަދެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން، މިދިޔަ އަހަރުގެ މަރޗުމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 241407 ފަތުރުވެރިންނެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 359272 ފަތުރުވެރިން އައިސްފައިވާއިރު، މީގެތެރެއިން 131764 ފަތުރުވެރިންނަކީ ޖެނުއަރީމަހު ރާއްޖެއަށް އައިފަތުރުވެރިންނެވެ. ފެބްރުއަރީމަހު ރާއްޖެއަށް 149008 ފަތުރުވެރިން އައިސްފައިވާއިރު، މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 78500 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއާއިން ރާއްޖެއަށް 49364 ފަތުރުވެރިން އައިސްފައިވާއިރު، މިއީ އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 13.7 އިންސައްތަ ފަތުރުވެރިންނެވެ.

އަަހަރު ފެށިގެން އައިއިރު ރާއްޖެއަށް 2ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔައީ އިންޑިއާއިން ކަމުގައިވީ ނަމަވެސް، މިހާރު 2ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް 40672 ފަތުރުވެރިން އައިސްފައިވެއެވެ. އިންޑިއާ އަކީ ރާއްޖެއަށް މިހާރު 3ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އަހަރުގެ މިހާތަނަށް އިިންޑިއާއިން ރާއްޖެއަށް ވަނީ 36349 ފަތުރުވެރިން އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4906 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އާއްމުގޮތެއްގައި 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ކުންފުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.