ޚަބަރު

ބައިޑަން ޝީއަށް: ޕުޓިންނަށް އެހީތެރިނުވާތި


ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނަށް އެހީތެރިވެވަޑައިނުގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އަރިހުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އެދިވަޑައިގެންފިއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެފަހުން ފުރަތަމަ ފަހަރަށް ޝީއަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި ބައިޑަންވަނީ ޕުޓިންނަށް އެހީތެރިވެވަޑައިގެންފިނަމަ ޗައިނާއަށް ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ދުނިޔޭގައި ހަމަޖެހުމާއި ޤާއިމުކުރުމުގައި އެހީތެރިވުމަށްވެސް ބައިޑަންވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އޭގެ ބަދަލުގައި ޕުޓިންގެ ޢަމަލުތައް ދިފާޢުކޮށް ހަނގުރާމާގައި ރަޝިޔާއަށް އެހީތެރިވާނަމަ ޗައިނާއާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި އެމެރިކާއިން ފަސްނުޖެހޭނެކަމަށް ބައިޑަން ވިދާޅުވިއެވެ.

ޔޫކްރެއިނަށް ޙަމަލާދޭން ފެށުމުން ރަޝީޔާއާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް ހުޅަނގުގެ ބާރުތަކުން އެޅި ނަމަވެސް އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ޗައިނާގެ އެއްބާރުލުމެއް ނުލިބެއެވެ. އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިޔާއަށް ކޮށްފާނެ އަސަރު ކުޑަވެދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ. އަދި އދގެ ސަލާމަތީ މަޖިލީހާއި އދގެ ޢާއްމު މަޖިލީހުން ރަޝިޔާއާ ދެކޮޅަށް ފާސްކުރަން މަސައްކަތްކުރި ޤަރާރުތަކަށްވެސް ޗައިނާގެ ތާޢީދެއް ނުލިބުނެވެ.

ވަރަށް އެއްކަހަލަ ސިޔާސަތުތަކެއް ގެންގުޅޭ ރަޝިޔާއާއި ޗައިނާގެ ގުޅުންތައް ފާއިތުވި އަހަރުތަކުގެ ތެރޭގައިވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އަދި ޔޫކްރެއިނަށް ޙަމަލާދިނުމަށް ޢަމުރުދެއްވުމުގެ ކުރިން ޕުޓިންވަނީ ޝީއާ ބައްދަލުކުރައްވައި ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަން ކަށަވަރުކުރައްވައިފައެވެ.