ހުޅަނގުގެ ބާރުތަކުން ބޭނުންވާ ގޮތަށް ދުނިޔެ ބައްޓަންކުރަން ދެން ޖާގައެއް ނުދޭނެކަމުގެ އިންޒާރު ރަޝިޔާއިން ދީފިއެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގައި ލަވްރޯފް ވިދާޅުވީ އެމެރިކާ އިސްވެ އޮވެ ހުޅަނގުގެ ބާރުތަކުން މަސައްކަތްކުރަނީ ދުނިޔޭގައި ހަންފަތުރައި އެ ޤައުމުތަކުން ބޭނުންވާ ގޮތްތަކަށް އެހެން ޤައުމުތައް ކިޔަމަންކުރުވުމަށްކަމަށާއި އެފަދަ ފުރުޞަތެއް އެ ޤައުމުތަކަށް ދިނުމަކީ ރަޝިޔާއަށް ހެދުނު ގޯހެއްކަމަށެވެ. އަދި ޔޫކްރެއިނުގެ އަސްކަރީ ބާރުވެރިކަން ނައްތާލުމަށް ރަޝިޔާއިން ޙަމަލާދޭން ފެށުމުން ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުން އެނގުނު ކަމަކީ އެމެރިކާއިން ބޭނުންވާ ގޮތަށް ވިލާތުގެ ޤައުމުތައް އެނބުރޭކަންކަމާއި އެ ޤައުމުތައް އޮތީ އެމެރިކާ ދަށުވެފައިކަންކަމަށް ލަވްރޯފް ވިދާޅުވިއެވެ.
އެމެރިކާއިން ބޭނުންވާ ގޮތަށް ނޭނބުރޭނެ ގިނަ ޤައުމުތަކެއް އޮތްކަން ޤަބޫލުކުރަން ޖެހޭކަމަށާއި ރަޝިޔާއާއި ޗައިނާއާއި އިންޑިޔާއާއި ބުރެޒިލްފަދަ ބޮޑެތި އިޤްތިޞާދީ ބާރުތަކަކީ ހުޅަނގަށް ބަރޯސާނުވެ އުޅެވޭވަރުގެ ޤައުމުތައްކަމަށް ލަވްރޯފް ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ދުނިޔެއިން ރަޝިޔާ ބާކީކުރުމަށް މަސައްކަތްކުރި ނަމަވެސް އެއީ ކުރެވޭނެ ކަމެއްނޫންކަމަށާއި އެފަދަ ޢަމަލުތަކުގެ ސަބަބުން އެމެރިކާގެ ނުފޫޒާ ދެކޮޅު ޤައުމުތަކުގެ އެއްބައިވަންތަކަން އިތުރަށް ވަރުގަދަވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިނަށް ޙަމަލާދިނުމުން ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން އަނެއްކާވެސް އިރުމައްޗާއި ހުޅަނގުގެ މެދުގައި ވާދަވެރިކަމާއި ދުޝްމަނުކަން އިތުރުވާނެކަމަށް ބެލެވެއެވެ. އަދި 1991ވަނަ އަހަރުގެ ތެރޭގައި ފިނި ހަނގުރާމަ ނިމުމަކަށް އައިސް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި އުފެދުނު އެއްބައިވަންތަކަމާއި އެކުވެރިކަމަށް ބުރޫއަރާނެކަމަށްވެސްވަނީ ބެލެވިފައެވެ.