ޚަބަރު

ރަޝިޔާއާ ޞުލްޙަވި ނަމަވެސް ވިލާތުގެ މެންބަރުކަން ޔޫކްރެއިނުން ބޭނުންވޭ


ރަޝިޔާގެ ޝަރުތުތައް ޤަބޫލުކޮށް ހަނގުރާމަ ހުއްޓާލައި ދާޢިމީ ޞުލްޙައެއް ޤާއިމުކުރި ނަމަވެސް ވިލާތުގެ އިއްތިޙާދުގެ މެންބަރުކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނެކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ވިދާޅުވީ ވިލާތުގެ ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ދާ ލަޔަންނާއެކު ކުރެއްވި މަޝްވަރާތަކުގައި އެ ޤައުމުން ވިލާތުގެ އިއްތިޙާދުގެ މެންބަރުކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިކަމަށެވެ. އޭގެ އިތުތުން ކުރިޔަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ވިލާތުގެ އިއްތިޙާދުގެ މެންބަރުކަން ޔޫކްރެއިނަށް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޒެލެންސްކީވަނީ ވިދާޅުވެފައެވެ. އަދި ރަޝިޔާގެ ޝަރުތުކުރި ނަމަވެސް ވިލާތުގެ އިއްތިޙާދުގެ މެންބަރުކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވިލާތުގެ އިއްތިޙާދުގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ހޯދުމަށް މަސައްކަތްކުރުންވަނީ ޔޫކްރެއިނުގެ ޤާނޫނުހަދާ މަޖިލީހުގައި ހިމަނައިފައެވެ. އަދި ދުވަހަކުވެސް ނޭޓޯގެ މެންބަރުކަން ނުހޯދާނެކަމަށް އެއްބަސްވެ ވަކިކޮޅަކަށް ނުޖެހޭ ޤައުމެއްގެ ގޮތުގައި އޮވެވިދާނެކަމުގެ އިޝާރާތެއް ރަޝިޔާއާއެކު ކުރަމުންދާ މަޝްވަރާތަކުގައި ޔޫކްރެއިނުންވަނީ ދީފައެވެ.