ޚަބަރު

ކޯވިޑް-19ގެ ޙާލަތު ނިމެން ކައިރިވެސްނުވޭ: ޞިއްޙަތާބެހޭ ޖަމުޢިއްޔާ


ކޯވިޑް-19ގެ ޙާލަތު ނިމެން ކައިރިނުވާކަމަށާއި ބަލުމަޑުކަމާމެދު އަދިވެސް ސަމާލުވާންޖެހޭކަމަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ބުނެފިއެވެ.

ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުނިޔޭގެ ގިނަ ޤައުމުތަކަކުން އުވާލަމުންދާ ދަނޑިވަޅެއްގައި ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ބުނެފައިވަނީ އެއީ އަވަސްއަރުވާލައިގެން ނިންމަންޖެހޭ ނިންމުންތަކެއް ނޫންކަމަށާއި އާދެވިފައިވަނީ ބަލިމަޑުކަމުގެ މެދަކާ ހިސާބަށްކަމަށެވެ. އެ ޖަމުޢިއްޔާއިން ކުރިން ބުނެފައިވަނީ މި އަހަރުގެ ތެރޭގައި ކޯވިޑް-19ގެ ޙާލަތު ނިމުމަކަށް ގެނެވޭނެކަމަށް ބެލެވޭކަމަށެވެ. ނަމަވެސް އެ ލަނޑުދަނޑިއަށް ވާޞިލުވުމަށް ކޮންމެ ޤައުމެއްގެ މަދުވެގެން %70 މީހުން ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަކުރަން ޖެހެއެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ދުނިޔޭގައި ކޯވިޑް-19 ފެތުރޭ ނިޞްބަތް ދަށަށް ދިޔުމަށްފަހު އަނެއްކާވެސް ބަލިޖެހޭ މީހުންގެ ޢަދަދުތައްވަނީ އިތުރުވާން ފަށައިފައެވެ. ޚާއްޞަ ގޮތެއްގައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު އަދި ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށުނު ޗައިނާގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށްވަނީ ބަލިޖެހެން ފަށައިފައެވެ. ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ބުނެފައިވާ ގޮތުގައި ބަލިފެތުރުން އިތުރުވެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުންނާއި އަދިވެސް ހަލުވިކަމާއެކު ބަލީގެ އެންމެ ނުރައްކާތެރި ވައްތަރުކަމަށްވާ އޮމިކްރޯން ފެތުރޭތީއެވެ.

2019ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުން ދުނިޔޭގެ އެކި ސަރަޙައްދުތަކުން 466 މިލިޔަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި 6.07 މިލިޔަން މީހުންވަނީ ބަލިމަޑުކަމުގައި މަރުވެފައެވެ.