ޚަބަރު

ކޯވިޑްގެ ނުރައްކާ ކުޑައެއް ނުވޭ، ބައްޔާމެދު ސަމާލުވާންޖެހޭ!


ވޭތުވެދިޔަ 2 އަހަރުތެރޭގައި މުޅި ދުނިޔޭގެ ހުރިހާކަމެއް ބަރޯސާވެފައިއޮތީ ފެތުރެމުންދާ ކޯވިޑް-19އާއި ގުޅިގެން ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ބޮޑު ކުޑަ މިނަށެވެ. ބޯޑަރުތައް ބަންދުކޮށް ދުނިޔޭގެ ދަތުރުފަތުރުތައް ހުއްޓުމަކަށް އައިސް ގެއިން ނިކުތުން މަނާކޮށްފައިވަނީ މިބަލިން ރައްކާތެރިވުމަށެވެ. ބައްޔަށް ދެއަހަރު ވެގެންދިޔައިރު ބަލީގެ ޙާލަތު މުޅި ދުނިޔެއާއި ރާއްޖޭގައި އޮތީ ކިހިނެތްކަން ދެނަގަނެ ފަރުދީ ގޮތުން ރައްކާތެރިވާން މިހާރު މިވަނީ ޖެހިފައެވެ.

ކޯވިޑް-19އަކީ އާއްމު ރޯގާއަކަށް ވަކި ހިސާބުން ބަދަލުވާނެކަމަށް ބަލީގެ ފުރަތަމަ މަރުޙަލާގައިވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އޮތީ ބުނެފައެވެ. އެހެންނަމަވެސް އެގޮތަށް ވާނީ އެއްފަހަރާ ގިނަ ބަޔަކަށް ވެކްސިން ދެވުމާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ދިފާޢީ ނިޒާމު ބައްޔަށް ހޭނުމުގެ ސަބަބުންނެވެ. ބައެއް ޤައުމުތަކުގައި ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ނުކުރާ މީހުން އެބަތިއްބެވެ. މީގެއިތުރުން ބަލީގެ އިތުރު ވޭރިއެންޓުތަކާއެކު ދިފާޢީގޮތުން ވެކްސިންގެ އިތުރު ޝޮޓްތައް އަންނަނީ ދެމުންނެވެ. އެހެންނަމަވެސް ވެކްސިން ކާމިޔާބުވާނީ ދުނިޔޭގެ އާބާދީގެ ގިނަ ބަޔަކަށް ވެކްސިން ޖެހިގެންނެވެ. މިހާތަނަށް ދުނިޔޭގެ އާބާދީގެ 7.9 ބިލިއަން މީހުންނަށް 10.7 ބިލިއަން ވެކްސިން ޑޯޒްވަނީ ދެވިފައެވެ.

ދުނިޔޭގެ އާބާދީއަށް ބަލާއިރު މިހާތަނަށް 466 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ. މީގެތެރެއިން 6 މިލިއަން މީހުންވަނީ މިބަލީގައި ނިޔާވެފައެވެ. މުޅި ދުނިޔެ އަދިވެސް އޮތީ ބަލީގެ ޕެންޑެމިކް ލެވެލްގައެވެ. ސަބަބަކީ އަދިވެސް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ބަލި ފެންނަ ނިސްބަތް އެންމެ އެދެވޭ ގޮތުގައި ކޮންޓްރޯލް ނުކުރެވޭތީއެވެ. ބަލީގެ ނުރައްކާ މިންވަރު ބަލާ މިންގަނޑު އެންޑެމިކްއަކަށް ދާނީ ބަލި ފެތުރޭ ނިސްބަތް ވަކިވަރަކަށްވުރެ ދަށްވުމުންނެވެ. އެހެންނަމަވެސް އެވްރެޖްކޮށް ކޮންމެ 24 ގަޑިއިރަކުން ދެލައްކައަށްވުރެ ގިނަ މީހުން މިހާރުވެސް އަންނަނީ ޕޮޒިޓިވްވަމުންނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެމަޖެންސީ ޕްރޮގްރާމްގެ ފަރާތުން ވާހަކަދައްކަވަމުން މައިކް ރައިން ވިދާޅުވީ ކޯވިޑް އެންޑެމިކްއަކަށް ބަދަލުވީނަމަވެސް އޭގެ ނުރައްކާ ޙަގީގަތުގައި ދަށްނުވާނެކަމަށެވެ. ސަބަބަކީ މީގެކުރިން އެންޑެމިކްގެ ގޮތުގައި ކަނޑައަޅާފައިވާ މެލޭރިއާއާއި ޓީބީއާއި އެޗްއައިވީ ވައިރަހުގެ ސަބަބުން މިލިއަނުން އަހަރަކު މީހުން މަރުވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެންޑެމިކްގެ ލެވެލްއަށް ކޯވިޑްގެ ބަލިމަޑުކަން ދިޔަނަމަވެސް ބަލީގެ ނުރައްކާ ކުޑަވީކަމަށް ނުދެކުމަށް އޭނާވަނީ ނަސޭޙަތްތެރިވެފައެވެ.

ރާއްޖޭގައިވެސް ކޯވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައްވަނީ އުވާލާފައެވެ. މިހާހިސާބަށް އާދެވުނީ ހަރުކަށި ފިޔަވަޅުތަކާއެކު ޢާއްމުންނާއި ކަމާ ގުޅޭ އިދާރާތަކުން ކުރި މަސައްކަތުންނެވެ. މިވަގުތު މާސް އެޅުމަށް ކޮންމެހެން މަޖުބޫރެއް ނޫނެވެ. އެހެންނަމަވެސް ރައްކާތެރިގޮތަކީ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި އަދިވެސް މާސްއެޅުމެވެ. އެގޮތުން ފިހާރަތަކާއި ބަންދުކޮށް ހުންނަ އެހެނިހެން ތަންތަނުގައިވެސް ގިނަ ބަޔަކު އެއްވެ އުޅޭނަމަ މާސްކު އެޅުމަކީ މުހިއްމުކަމެކެވެ. މިއާދަ ގިނަ މީހުންގެ ކިބައިން ފެންނަކަންވެސް ފާހަގަކުރެވެއެވެ. ބަލީގެ ނުރައްކާ އަދިވެސް ފިލައިގެން ނުދެއެވެ. މިހާދުވަހު ކުރި މަސައްކަތް ކާމިޔާބުކުރެވޭނީ އަދިވެސް ލޮލަށް ނުފެންނަ މިވައިރަސްއާމެދު ހުޝިޔާރުވެގެންނެވެ.