ޚަބަރު

ޝީރީންގެ މަރުގެ މައްސަލަ: ނަޖާހުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި


މީގެ 12 އަހަރުކުރިން 2010ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި މަރާލާފައި ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ލ.ކަޅައިދޫ އޯޝަންވިލާ، މުހައްމަދު ނަޖާހުގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލުޙުކުމް ސުޕްރީމް ކޯޓުންވެސް ދަމަހައްޓައިފިއެވެ.

ޝީރީންގެ މަރުގެ ތުހުމަތުގައި ދައުލަތުން ދަޢުވާކުރި މުޙައްމަދު ނަޖާހަކީ ޝީރީނާ ލޯބީގެގޮތުން ގުޅިގެން އޭރު އުޅުނު މީހެއްކަމަށްވެއެވެ. ޝީރީނާއި ނަޖާހު ދިރިއުޅުނީވެސް އެއް ގެއެއްގައެވެ.

މާރާލާފައި އެއްލާލާފައި އޮއްވައި ޝީރީންގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. 2009ވަނަ އަހަރުގެ ޑިސެމްބަރުމަހުންފެށިގެން ޝީރީން ވީނުވީއެއް ނޭނގި ގެއްލިގެންވަނީ ހޯދަން ފަށާފައެވެ. މަރާލާފައި އޮއްވައި ޝީރީންގެ ހަށިގަނޑު ފެނުނީ ލަގެޖު ފޮށްޓަކަށްލައި ކުނިތަކެއްގެތެރޭގައި އޮއްވައެވެ.

މިމައްސަލައިގެ ތުހުމަތުގައި ނަޖާހުގެ މައްޗަށް ދަޢުވާކުރީ 2010ވަނަ އަހަރުގެ ޖޫމްމަހުގެ ތެރޭގައެވެ. މިމައްސަލަ ހިނގަމުންދަނިކޮށް 2011ވަނަ އހަރުގެ މެއި މަހުގެތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެމައްޗަށް ޖަލު ޙުކުމެއް އައެވެ. ޝީރީން މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުން ޙުކުމްކުރީ ނަޖާހާ އެއްކޮޅަށެވެ. އޭނާގެ މައްޗަށް އެމައްސަލަ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ 2015ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ދައުލަތުން މިމައްސަލަ އިސްތިއުނާފުކުރިއެވެ. 2015ވަނަ އަހަރުގެ ޖޫން މަހު ހައިކޯޓުގައި އިސްތިއުނާފްކުރި މިމައްސަލަ 2020ވަނަ އަހަރުގެ އޮގަސްޓް މަހު ނިންމީ ނަޖާހާ ދެކޮޅަށެވެ.

އޭނާ 12 އަހަރަށް ޖަލަށްލުމަށް ހައި ކޯޓުން ހުކުމްކުރިއެވެ. ހައިކޯޓުގެ ޙުކުމުގައި ވަނީ ނަޖާޙު ގަސްދުގައި މީހަކު މެރިކަން ޝަރީޢަތަށް ސާބިތު ނުވިޔަސް، ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށެވެ. ނަޖާހުގެ މައްޗަށް ގަސްދުގައި ޝީރީން މެރިކަން ސާބިތު ނުވީ އޭނާ ޝީރީން މަރާލަން ކުރިކަމެއް އަދި އެކަމަށް އޭނާ ބޭނުންކުރި ހަތިޔާރެއްވެސް އަދި އެއާ ގުޅޭ ހެއްކެއްވެސް ފެންނަން ނެތުމުންނެވެ. ނަޖާހު ޖަލަށްލާން ޙުކުމްކުރީ މައްސަލައާ ގުޅުވާލެވޭ ގަރީނާތަކަށް ބަލައިގެންނެވެ. މިއީ ގުޅުވާލެވޭ ގަރީނާތަކެއްގެމައްޗަށް ބިނާކޮށް ރާއްޖޭގެ ކޯޓެއްގައި ކޮށް ސާބިތުވި ފުރަތަމަ މައްސަލައެވެ.

އެހެންކަމުން ނަޖާހުގެ ފަރާތުން މިމައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފްކުރިއެވެ. މިއަދު ސުޕްރީމް ކޯޓުން ނިންމެވީ މިމައްސަލާގައި ނަޖާޙު ކުށްކުރި މަންޒަރު ފެނުނު މީހަކު ނެތުމަކީ އޭގެމައްޗަށް ބިނާކޮށް އޭނާ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި މިމައްސަލާގައި ލިބިފައިވާ ހުރިހާ ގަރީނާތަކެއްވެސް އޮތީ ނަޖާހާ ދެކޮޅަށްކަމަށް ސުޕްރީމްކޯޓުން ނިންމެވިއެވެ. އެހެންކަމުން މިމައްސަލާގައި ސުޕްރީމްކޯޓުން ނިންމެވީ ހައިކޯޓުގެ ޙުކުމް ދެމެހެއްޓުމަށެވެ.