ދުނިޔެ

އައި.އޭ.އީ.އޭގެ އިސްވެރިޔާއާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު

 


 


އެޓޮމިކް ހަކަތަޔާ ބެހޭ އދގެ އިދާރާ – އައި.އޭ.އީ.އޭގެ އިސްވެރިޔާއާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރިޔަށް ގެންދެވިފައިވާ ކަމަށް އިރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު – ޢައްބާސް ޢަރަޤްޝީ ވިދާޅުވެއްޖެއެވެ.


 
މިމަޝްވަރާތަކަކީ އީރާނުގެ ނިއުކްލިއަރ މަޝްރޫޢާ ގުޅިގެން އަދިވެސް ޙައްލު ހޯދިފައިނުވާ މައްސަލަޔަށް ސުލްޙަވެރި ޙައްލެއް ހޯދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ކުރިޔަށްދިޔަ މަޝްވަރާތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ. ޢަރަޤްޝީ ވިދާޅުވީ މިމައްސަލާގައި އީރާނުން ޢަމަލުކުރަމުންދާނީ އާ އުސޫލަކުން ކަމަށް ވަޢުދުވެވަޑައިގެންފައިވާނެ ކަމަށާއި، މިކަމާ ގުޅުން ހުރި ޕްރޮޕޯސަލްތަކެއް އައި.އޭ.އީ.އޭގެ އިސްވެރިޔާ – ޔުކިޔާ އަމާނޯއަށް އަރުވާފައިވާނެ ކަމަށެވެ.


 
 


އިއްޔެ ކުރިޔަށް ގެންދިޔަ މަޝްވަރާތައް ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ދެމިގެން ދިޔަ ކަމަށް މަޢުލޫމާތު ލިބެއެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫޢަކީ އެޤައުމުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްޓަކައި ކުރިޔަށް ގެންދާ މަޝްރޫޢެއް ކަމަށް ބުނެ، ބައިނަލްއަޤްވާމީ ފެންވަރުގައި އެޤައުމާ ދެކޮޅަށް ދަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫޢުއަށް ހުޅަނގާ، އެމެރިކާ، އަދި އިސްރާޢީލުން އަމާޒުކުރަމުންދާ ތުހުމަތުތަކަށް އިންކާރުކޮށް، އީރާނުން ބުނަމުންދަނީ އެޤައުމުގެ ނިއުކްލިއަރ މަޝްރޫޢަކީ މަދަނީ ބޭނުންތަކަށް ކުރިޔަށް ގެންދާ ސައްތައިން ސައްތަ ސުލްޙަވެރި މަޝްރޫޢެއް ކަމަށެވެ.