ޚަބަރު

ކެންސަލްކޮށްފައިވާ ޕާސްޕޯޓްތައް މުޅިދުނިޔެއަށް އިއުލާންކުރާނަން

 


 


ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު މަޤާމުން ވަކިވެފައިވާ ފަރާތްތަކުގެ ޕާސްޕޯޓްތައް އިމިގްރޭޝަން ސިސްޓަމުން ޑީއެކްޓިވޭޓް ކުރުމުންވެސް ޕާސްޕޯޓް ކެންސަލްކުރުމަށް ހުށަނާޅާ ބޭނުންކުރަމުންދާނަމަ އެއީ ކެންސަލްކޮށްފައިވާ ޕާސްޕޯޓްތަކެއްކަން މުޅިދުނިޔެއަށް އިއުލާންކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.


 
ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު މަޤާމުން ވަކިވެފައިވާ ބޭފުޅުންގެ ޕާސްޕޯޓްތައް އިމިގްރޭޝަންގެ ސިސްޓަމުން މިހާރު ޑީއެކްޓިވޭޓް ކޮށްފައިވާކަމަށާއި އެފަދަ ޕާސްޕޯޓްތައް ކެންސަލްކުރުމަށް އެޑިޕާޓްމަންޓަށް ހުށައެޅުމަށް އިމިގްރޭޝަނުންވަނީ އިއުލާންކޮށްފައެވެ. އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލަރ ޑރ މުހައްމަދު އަލީ ވިދާޅުވީ މިހާރު މަޤާމުން ވަކިވެފައިވާ ތިރީސް ތިންފަރާތެއްގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ބާޠިލްކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ފޮރިން މިނިސްޓްރީއަށް ފޮނުވާފައިވާނެކަމަށެވެ. ފޮރިން މިނިސްޓްރީންބުނީ މީގެ ތެރެއިން ގިނަ ޕާސްޕޯޓުތައް ކެންސަލްކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް ތަފާތު ސަބަބުތަކާހެދި އަދި މިފަދަ ބައެއް ޕާސްޕޯޓް ކެންސަލްނުކުރެވިވާ ކަމަށެވެ.


 
އިމިގްރޭޝަން ޑިޕާޓްމެންޓުން ބުނީ އިމިގްރޭޝަންގެ ސިސްޓަމުން ޑީއެކްޓިވޭޓްކޮށްފައިވާ ޕާސްޕޯޓެއްގައި ދަތުރުކުރެއްވުމުން އެފަރާތްތަކަށް ރާއްޖެއާ ރާއްޖެއިން ބޭރުގައި ދިމާވެދާނެ މައްސަލަތަކަށް އެޑިޕާޓްމެންޓުން ޒިންމާނުވާނެކަމަށެވެ.


 


 


ސަރުކާރުގެ ވަޒީފާއިން ވަކިވުމަށްފަހުވެސް ބައެއް ފަރާތްތަކުން އަދިވެސް ޑިޕްލޮމެޓިކް ޕާސްޕޯޓު ބޭނުންކުރައްވައިގެން ރާއްޖެ ބަދުނާމުވާގޮތަށް ރާއްޖެއިން ބޭރުގައި މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކޮށް އެފަރާތްތަކުގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ބާޠިލްކުރުމަށް ދާދިފަހުން ޕީޕީއެމިންވަނީ ސަރުކާރަށް ގޮވާލާފައެވެ.