ދުނިޔެ

އަޟްޙާ ޢީދުގެ މުނާސަބާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރަމުންއެބަދޭ
 


ބަރަކާތްތެރިވާ އަޟްޙާ ޢީދުގެ މުނާސަބާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ދަނީ ފާހަގަކުރަމުންނެވެ.


 
އަޟްޙާ ޢީދުގެ މުނާސަބާ މިޤައުމުތަކުގައި ފަށާފައިވަނީ މިއަދު ހެނދުނު ކުރެވުނު ޢީދު ނަމާދުންނެވެ. އެގޮތުން ގާތްގަނޑަކަށް ދެ މިލިއަނެއްހާ މުސްލިމުން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރަމުންދާ މައްކާގައިވެސް ވަނީ ޢީދު ނަމާދުކޮށްފައެވެ. މީގެ އިތުރުންވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަނީ ޢީދުގެ ހަރަކާތްތައް ފަށާފައެވެ. ޢަޟްޙާ ޢީދުގެ އުފާފާޅުކުރުންތައް އެންމެ ފުރަތަމަ ފެށި ޤައުމުތަކުގެ ތެރެގައި ހިމެނެނީ ދުނިޔޭގެ އެންމެ އިރުމަތީ ބިތުގައި ހިމެނޭ އިސްލާމި ޤައުމުތަކެވެ. އެގޮތުން މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމުކަމަށްވާ އިންޑޮނީޝިއާގައި އަޟްޙާ ޢީދުގެ މުނާސަބާ ފަށާފައިވަނީ ޢީދު ނަމާދާއެކުގައެވެ. އިންޑޮނީޝިއާގެ އެތައް މިލިއަން މުސްލިމުން ޢީދުގެ މުނާސަބާ ފަށާފައިވާއިރު، އުޟުހިއްޔާ ކަތިލުމުގެ ހަރަކާތްތައްވެސް އެޤައުމުގައި ވަނީ ފަށާފައެވެ.


 
ފިލިޕީންސްގައިވެސް އަޟްޙާ ޢީދުގެ މުނާސަބާ ފަށާފައިވަނީ ޢީދު ނަމާދުންނެވެ. ފިލިޕީންސްގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ މުސްލިމުން ވަނީ އެޤައުމުގެ އެންމެ ބޮޑު ޕާކަށް ޖަމާވެ ޢީދު ނަމާދުކޮށްފައެވެ. ޢީދު ނަމާދުގެ ބައިވެރިންނާ މުޚާތަބްކުރައްވާ ވާހަކަ ދައްކަވަމުން ޢިމާމުވެ ނަމާދު ކުރެއްވި ޢަލީމް ސާޢިދު އަޙުމަދު ބަޝީރު ވިދާޅުވީ، އިސްލާމް ދީނަކީ ސުލްޙަޔަށް ބާރުދޭ ދީނެއްކަން އަންގައިދޭންޖެހޭ ކަމަށެވެ. ސިޔާސީ އަދި ދީނީ ބައިބައިވުންތަކެއް އުފެދިފައިވާ ފިލިޕީންސްގެ ރައްޔިތުން ވަނީ ސަރަޙައްދީ ސުލްޙައަށް އެދި ޚާއްސަ ދުޢާއެއްކޮށްފައެވެ.


 
ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫރިޔާގައިވެސް އަޟްޙާ ޢީދުގެ މުނާސަބާ ވަނީ ފަށާފައެވެ. ސޫރިޔާގައިވެސް އަޟްޙާ ޢީދުގެ މުނާސަބާ ފަށާފައިވަނީ ޢީދު ނަމާދުންނެވެ. ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ކުރި ޢީދު ނަމާދުގައި އެޤައުމުގެ ރައީސް – ބައްޝާރުލް އަސަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް އަވަށްޓެރި ޢުރުދުންގެ ޒިތާރީ ކޭމްޕަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައިވާ ރައްޔިތުންވެސް ވަނީ އަޟްޙާ ޢީދުގެ އުފާފާޅުކުރުންތައް ފަށާފައެވެ. ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެޤައުމު ދޫކޮށް އެހެން ސަރަޙައްދަކަށް ހިޖުރަކުރަމުންދަނިކޮށް، މޯލްޓާ ކައިރިން ބޯޓު ބަންޑުން ޖަހާލި ހާދިޘާގައި މިދިޔަ އާދީއްތަ ދުވަހު ފަލަސްޠީނުގެ ހަތް މީހެއްގެ ފުރާނަ ގެއްލުނު ހާދިޘާއާ ގުޅިގެން، އަޟްޙާ ޢީދުގެ އުފާފާޅުކުރުންތައް ރާމަﷲގައި ވަނީ ނުބާއްވާ ގޮތަށް ހަމަޖައްސާފައެވެ.


 
ބަރަކާތްތެރި އަޟްޙާ ޢީދާ މުސްލިމުން ކުރިމަތިލާފައި މިވަނީ އިސްލާމީ ޤައުމުތަކުގެ ދާޚިލީ މަސްރަޙުގައި ހަމަނުޖެހުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އަޟްޙާ ޢީދާ ދިމާކޮށްވެސް މިފަދަ ހަމަނުޖެހުންތަކަށް މާބޮޑު ބަދަލެއް އައިސްފައިނުވާ ކަމަށް ބައިނަލްއަޤްވާމީ ޚަބަރުތައް ބުނެއެވެ. އެގޮތުން އަފްޣާނިސްތާނުގައި ޢީދު ނަމާދަށްފަހު ބޮމުގެ ޙަމާލާއެއް ދީ، އެޤައުމުގެ ގަވަރުނަރަކު  ވަނީ އަވަހާރަކޮށްލާފައެވެ. ޢީދު ނަމާދަށްފަހު މިސްކިތުގެ ބޭރުގައި، ޢާންމު ރައްޔިތުންނާ ސަލާމް ކުރައްވަން ހުންނަވަނިކޮށް، ގަވަރުނަރު އަރްސާލާ ޖަމާލު އަވަހާރަކޮށްލާފައިވަނީ، މޭޒެއްގެ ދަށުގައި ހަރުކޮށްފައި އިން މައިކްރޮފޯނެއްގައި އިން ބޮމެއް ގޮއްވާލައިގެން ކަމަށް ޚަބަރު ލިބެއެވެ.


 
އަފްޣާނިސްތާނުގެ ގަވަރުނަރަކު އަވަހާރަކޮށްލާފައިވާއިރު، ދީނީ އަދި ސިޔާސީ ބައިބައިވުން އުފެދިފައިވާ ޢިރާޤުގައިވެސް ޢީދު ނަމާދަށްފަހު ވަނީ ބޮމުގެ ޙަމަލާއެއް ދީފައެވެ. އެގޮތުން ޢިރާޤުގެ ކިރުކުކްގައި ހުންނަ ސުންނީންގެ މިސްކިތެއްގައި ދިން ބޮމުގެ ޙަމަލާއެއްގައި ނުވަ މީހަކު މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ފަހަކަށް އައިސް ޢިރާޤުގައި ދޭ މިފަދަ ޙަމަލާތައް އިތުރުވެ، އެޤައުމުގެ އެތައް ހާސް ރައްޔިތުންނެއްގެ ފުރާނަ ގެއްލެމުންދާއިރު، ޢިރާޤުގެ ރައްޔިތުންވެސް ވަނީ ސުލްޙައަށް އެދި ޚާއްސަ ދުޢާއެއްކޮށްފައެވެ.


 
 


ސިޔާސީ ގޮތުން ބޮޑެތި ހަމަނުޖެހުންތަކެއްގެ ތެރޭގައިވީ ނަމަވެސް، މިޞްރުގެ ރައްޔިތުން ވަނީ އަޟްޙާ ޢީދުގެ މުނާސަބާއަށް ތައްޔާރުވެފައެވެ. މިދަނޑިވަޅުގައި މިޞްރުގެ ރައްޔިތުން ވަނީ އެމީހުންގެ ޤައުމަކީ ރަނގަޅު ހަމަޖެހޭ ޤައުމުކަމަށް ވުމަށް އެދޭކަން ހާމަކޮށްފައެވެ.