ސިޔާސީ

24 ގަޑިއިރު ހަމަވިޔަސް ކިއު ނަމްބަރުތަކަށް ޚިދުމަތް ދޭނެ- އިލެކްޝަންސް




ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ސައުވީސް ގަޑިއިރު ހަމަވުމަށްފަހުގައިވެސް ފޯމު ހުށަހެޅުމަށް ދޫކުރި ކިއު ނަމްބަރުތަކަށް ޚިދުމަތް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.


ރީ ރަޖިސްޓްރީކުރުމަށް ހުޅުވާލި ސައުވީސް ގަޑިއިރު އިއްޔެ ހަވީރު ހަތަރުގަޑި ތިރީހަށް ވަނީ ހަމަވެފައެވެ.


އިލެކްޝަންސް ކޮމިޝަނުން ބުނީ އެކޮމިޝަނުން އިއްޔެ ދޫކުރި ހުރިހާ ނަމްބަރަކަށް ޚިދުމަތް ދޭނެ ކަމަށެވެ.


އަދި ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމްތައް ޕްރޮސެސްކުރުމަށް ތޭރަ ކައުންޓަރު ބަހައްޓާފައިވާ ކަމަށާއި ގިނައިން ފޯމް ހުށަހެޅުމަށް ނަމްބަރު ނަގާފައިވަނީ ސިޔާސީ ޕާޓީތަކުން ކަމަށްވެސް ބުނެއެވެ.


 ރޭގެ އިރާކޮޅާ ހަމައަށް ދިހަހާސް ތިންސަތޭކަ ސާޅީސް ފޯމް ޕްރޮސެސްކުރެވިފައިވާ އިރު އިއްޔެގެ ކިއު އަދިވެސް ނިމުމަކަށްނާދެއެވެ.
 އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ފަސްދޮޅޮސް ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރެއެވެ.