ސިޔާސީ

އީދު ބަންދުގައި ތިން ދުވަހު އައިޑީކާޑު ހެއްދުމުގެ މަސައްކަތް ކުރިއަށްދާނެ
 


ކުރިއަށްއޮތް އީދު ބަންދު ތެރޭގައި ތިން ދުވަހު އައިޑީކާޑު ހެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ބުނެފިއެވެ.


 
އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ފަރީދާ ޔޫސުފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން ބޮޑު ބަންދެއް އަންނާތީ މިމަހުގެ ތޭރަ، ސޯޅަ، އަދި ސަތާރަވަނަ ދުވަހު އެޑިޕާޓްމަންޓުން އައިޑީކާޑު ހައްދައިދޭނެ ކަމަށެވެ. އެޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ތިން ދުވަހުވެސް މެންދުރު އެއްގަޑި ތިރީހުން ހަވީރު ފަހަކަށް ޚިދުމަތް ދެމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


 
 


ފަރީދާ ވިދާޅުވީ ކުރިއަށް އޮތް ބޮޑު ބަންދާއެކު އިއްޔެ އެޑިޕާޓްމަންޓަށް ކާޑު ހައްދަން ގޮސް ތިބި މީހުންގެ ކިޔޫ އެހެން ދުވަސްތަކަށްވުރެ ބޮޑު ކަމަށެވެ. އަތޮޅު ތެރެއިން ފޮނުވާފައިހުރި ކާޑުތައް އެއަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފަރީދާ ވިދާޅުވިއެވެ. ބަންދު ތެރޭގައި އަތޮޅު ތެރެއިން އައިޑީކާޑެއް ހެއްދުމަށް އެދިއްޖެނަމަ ކައުންސިލްތަކާ ގުޅިގެން އެކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތްކުރާނެ ކަމަށްވެސް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން މަޢުލޫމާތުދެއެވެ.