ސިޔާސީ

ކޯޓު އަމުރާ ޚިލާފު އަމަލުތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް އަމުރުކޮށްފި

 


 ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ފަސްކުރުމަށް ސުޕްރީމު ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް އެއްވެސް ބަޔަކު އެއްވެސް އަމަލެއް ކުރާނަމަ އެކަން ހުއްޓުވުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ސުޕްރީމް ކޯޓުން ރޭ އަމުރު ކޮށްފިއެވެ.


 
ސުޕްރީމް ކޯޓްގެ ހަ ފަނޑިޔާރުން ސޮއިކުރައްވާ ނެރުނު އަމުރުގައި ބުނެފައިވަނީ، މި މަހުގެ ތޭވީސްވަނަދުވަހު ނެރެފައިވާ އަމުރާ ޚިލާފަށް އެއްވެސް ކަމެއް ނުކުރުމަށާއި، ސެޕްޓެމްބަރ މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ވޯޓްލުމަށްޓަކައި އިލެކްޝަން ކޮމިޝަނުން އިންތިޒާމް ކުރަންޖެހޭ ކަންތައްތައް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރު ކޮށްފައިވާނެކަމަށެވެ. ސުޕްރީމް ކޯޓުން ރޭ ނުރުނު އަމުރުގައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި ވެސް އަދި ޝަރީއަތުން ބަލާ އެހެން މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ހުކުމަކަށް ނުވަތަ އަމުރަކަށް ނުވަތަ ނިންމުމަކަށް ވިޔަސް ގޮންޖެހުމާއި ނުކިޔަމަންތެރި ވުމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގައި ހުއްދަ ކަމެއް ނޫން ކަމަށްވެސް އަމުރުގައިވެއެވެ. 


 
ސުޕްރީމު ކޯޓުން އިންތިޚާބު ފަސްކުރުމަށް ނެރެފައިވާ އަމުރާއި ޚިލާފަށް އެއްވެސް ފަރާތަކުން އެއްވެސް އަމަލެއް ހިންގާ ނަމަ އެކަން ވަގުތުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް ރޭ އެކޯޓުން އަމުރުނެރެފައިވަނީ މާދަމާ ރިޔާސީ އިންތިޚާބު ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މީޑިއާގައި ވާހަކަފުޅު ދެއްކެވުމާ ގުޅިގެންނެވެ.