ދުނިޔެ

ކެމިކަލް ހަތިޔާރު ބޭނުންކުރީ އިދިކޮޅު ފަރާތްތަކުން ކަން ސާބިތުވޭ - ލަވްރޯފް

 


 


ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކުރީ އެގައުމުގައި ހަނގުރާމަކުރަމުންދާ އިދިކޮޅު ފަރާތްތަކުން ކަން ސާބިތުވާނެ ހެކި ރަޝިޔާއަށް ލިބިފައި އެބަހުރި ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.


 
ރަޝިޔާގައި ހުންނަވާ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވީ ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވަނީ އިދިކޮޅު ހަނގުރާމަވެރިންކަން ސާބިތުވާ ހެކި އދ ގެ ސަލާމަތީ މަޖިލީހަށް ރަޝިޔާއިން ހުށަހަޅާނެ ކަމަށެވެ.


 
މިދިޔަ އޮގަސްޓްމަހު ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން ސޫރިޔާއަށް ދިޔަ އދގެ ތަހްޤީގް ޓީމުން އެކުލަވާލި ރިޕޯޓްގައި ކަށަވަރުކޮށްދީފައިވާ އިރު ރަޝިޔާއިން ވަނީ މި ރިޕޯޓަށް ފާޑުކިޔާފައެވެ.


އެގައުމުން ބުނެފައިވަނީ މި ރިޕޯޓަކީ ވަކި ފަރާތެއްގެ މަސްލަހަތު ހިފެހެއްޓުމަށް ވަކި ކޮޅަކަށް ޖެހިގެން ހަދާފައިވާ ރިޕޯޓެއް ކަމަށެވެ.


 
ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ވަނީ އެޤައުމުގެ ރައީސް ބައްޝާރުލް އަސަދަށް ވާގިދޭ ފައުޖުތަކުން ކަމަށް ހުޅަނގުން ދަނީ ތުހުމަތުކުރަމުންނެވެ.