ކުޅިވަރު

މުބާރާތުގެ ޗެންޕިއަންޓީމްއާ އެހެންޓީމްތަކުގެ މެދުގައި ހުރި ތަފާތު ފެނިއްޖެ - މައިން އަރި
 

މިއަދުގެ މެޗްގެ ނަތީޖާއިން ފެނިގެން އެދިޔައީ މުބާރާތުގެ ޗެމްޕިއަންޓީމާ މުބާރާތުގައި ވާދަކުރަމުންދާ އެހެން ޓީމްތަކާ ހުރި ތަފާތުކަން ކަމަށް ކުވައިތު ސްޕޯރޓްސް ކްލަބް ކޯޗް މައިން އަރިން ބުނެފިއެވެ.


 


އޭއެފްސީކަޕް ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގްގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުވައިތުގެ ކުވައިތު އެސްސީ ކުޅުނު މެޗަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ކުވައިތު ޓީމްގެ ކޯޗް ބުނީ މެޗަށް ނިކުތްއިރުވެސް ނަތީޖާއާމެދު މާބޮޑަށް ވިސްނާފައިނުވާނެކަމަށެވެ. ނަމަވެސް އުއްމީދު ކުރިވަރަށްވުރެ ރީތި ކުޅުމެއް ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔަކަމަށެވެ. ނަމަވެސް ކުވައިތު ޓީމަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންކަމަށާއި ނަތީޖާ ތަފާތުވާންޖެހުނު ސަބަބަކީ އެއީކަމަށް އޭނާ ބުނިއެވެ. ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ފާހްގައި ލަނޑުތަކެއް ނުޖެހުނީ މުހިންމު ކުޅުންތެރިންތަކެއް ބަދަލް ކުރަން ޖެހުމުން ކަމަށާއި ސަބަބަކީ މީގެ ތިންދުވަސްފަހުން ކުވައިތު ލީގުގައި މެޗެއް ކުޅުމަށް ހަމަޖެހިފައިވާތީކަމަށް ކުވައިތު ޓީމްގެ ކޯޗް މައިން އަރިންބުނިއެވެ.


 

ނިއުރޭޑިއަންޓްގެ މީޑިއާ އޮފިސަރ އަންވަރު އަލީ ބުނީ މެޗަށް ނިކުތީވެސް ނަތީޖާ ތަފާތުވާނެކަމަށް ވިސްނައިގެންކަމަށެވެ. ނަމަވެސް ދެވަނަ ހާފްގައި ފެނުނު ކުޅުން ފުރަތަމަ ހާފްގައިވެސް ދެއްކުނުނަމަ ނަތީޖާ އެހާ ތަފާތު ބޮޑުވެގެން ނުދިޔައީސްކަމަށެވެ. ފުރަތަމަ ހާފްގައި ކުވައިތު އެސްސީން ގިނަ ލަނޑުތަކެއް ޖެހީ ފަހަތަށްދިޔަ ބޯޅަތަކަށް ސަމާލުކަން ދޭންޖެހޭވަރަށް ނުދިނުމުންކަމަށް އަންވަރު ބުނިއެވެ. ނަމަވެސް އަދިވެސް އުއްމީދުކުރަނީ ކުވައިތުގައި ކުޅޭ މެޗްގައި ރަނގަޅު ނަތީޖާއަކަށްކަމަށް އަންވަރު ބުނިއެވެ. މިހާ ހިސާބުންވެސް ޓީމުން އަދި މުބާރާތް ނިންމާނުލާނެކަމަށް އަންވަރު ބުނިއެވެ.


 


މެޗަށްފަހު ނިއުރޭޑިއަންޓްގެ ކެޕްޓަން ޢިމްރާން މުޙައްމަދުބުނީ ނަތީޖާއާމެދު އެހާ ހިތްހަމަނުޖެހޭ ކަމަށާއި ނަމަވެސް މިހާހިސާބުން އަދި މުބާރާތް ނިންމާނުލާކަމަށެވެ. އޭއެފްސީ ކަޕް ކުއާޓާ ފައިނަލް ދެވަނަ ލެގްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކުވައިތު އެސްސީ ކުވައިތުގައި ކުޅޭނީ މިމަހުގެ ސައުވީސް ވަނަ ދުވަހުއެވެ.