ކުޅިވަރު

އިންވިޓޭޝަނަލް ކްރިކެޓް މުބާރާތާ 15އަހަރުން މަތީގެ ސްކޫލް ކްރިކެޓް ލީގްގެ ފައިނަލް މެޗް ފަށަނީ
ފަސްކުރި ސުޕާރ ސިކްސް އިންވިޓޭޝަނަލް ކްރިކެޓް މުބާރާތާ ފަނަރަ އަހަރުން މަތީގެ ސްކޫލް ކްރިކެޓް ލީގްގެ ފައިނަލް މެޗް މިއަންނަ މަހުގެ ފުރަތަމަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ކްރިކެޓް ބޯޑްއިން ބުނެފިއެވެ. ކްރިކެޓް ބޯޑްއިން މަޢުލުމާތުދޭ ގޮތުގައި ސުޕާރ ސިކްސް އިންވިޓޭޝަނަލް ކްރިކެޓް މުބާރާތް ކުރިން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ދިހަ ވަނަ ދުވަހުއެވެ.


 


ނަމަވެސް އެމުބާރާތް ލަސްކުރަންޖެހުނީ ރިޔާސީ އިންތިޙާބްއާ ގުޅިގެންކަމަށާ އެމުބާރާތަކީ ރާއްޖޭގައި ހުންނަ ހައިކޮމިޝަންތަކާ ކްރިކެޓް ބޯޑްގައި ރަޖިސްޓްރީކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތަކަށްވެފަ، އެދުވަސްވަރު ހައިކޮމިޝަންތަކަށް ވަގުތުދެވެން ނެތުމުންކަމަށް ކްރިކެޓް ބޯޑްއިން މަޢުލުމާތުދިނެވެ. ސުޕާރ ސިކްސް އިންވިޓޭޝަނަލް ކްރިކެޓް މުބާރާތް މިހާރު ބޭއްވުމަށް ގަސްދުކުރެވިފައިވަނީ މިއަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައިކަމަށްވެސް މޯލްޑިވްސް ކްރިކެޓް ބޯޑްއިން މަޢުލުމާތުދިނެވެ.


 


ސުޕާރ ސިކްސް އިންވިޓޭޝަނަލް ކްރިކެޓް މުބާރާތުގެ އިތުރުން ފަނަރަ އަހަރުން މަތީގެ ސްކޫލް ކްރިކެޓް ލީގްގެ ފައިނަލް މެޗްވެސް މިއަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކުޅުމަށް ހަމަޖެހިފައިވާކަމަށް ކްރިކެޓް ބޯޑުން މަޢުލޫމާތުދިނެވެ. ވިލާ ކޮލެޖްއާ ސީއެޗްއެސްއީ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މިމެޗް ލަސްކުރަންޖެހުނީ އެދެ ސްކޫލްގެ އެދުމުގެ މަތީން، އެއީ ޓެސްޓް ދުވަސްވަރަށް ވުމުންކަމަށް ކްރިކެޓް ބޯޑްއިން މަޢުލުމާތުދިނެވެ. މި ދެމުބާރާތުގެ އިތުރުން ގައުމީ ކްރިކެޓް މުބާރާތް ނޮވެންބަރު މަހުގެ އަށްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގައި ބައިވެރިވާނީ މިދިޔަ އަހަރުގެ ފުރަތަމަ ޑިވިޝަންގެ އެއްވަނަ އަދި ދެވަނަ ޓީމްއާ މިއަހަރުގެ ލިމިޓެޑް އޯވާރ ކްރިކެޓް މުބާރާތުގެ އެއްވަނަ ޓީމްއެވެ.