އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

LIVE

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. މޯދީއަށް ރަސްމީކޮށް މަރުހަބާ ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މޯދީއަށް މަރުޙަބާ ދެންނެވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 16:00 ގައި ޖުމްހޫރީ މައިދާނުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޤާނޫނު އަސާސީގެ ކޮޕީއެއް އިންޑިއާގެ ބޮޑުވަޒީރަށް އަރުވައިފި

މަޖިލީހުގައި ތަޤްރީރު ކުރުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު ދަންނަވަން- މޯދީ

މޯދީ ތަޤްރީރު ކުރައްވަނީ ހިންދީ ބަހުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރައްވަން ފަށްޓަވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތަޤްރީރުކުރެއްވުމަށް ޚާއްސަކޮށްގެން ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތަޤްރީރުކުރެއްވުމަށް ޚާއްސަކޮށްގެން ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިރުކޮޅެއްގެ ތެރޭގައި ފެށޭނެ

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މޯދީ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައި

މޯދީއަށް މަޖިލިސްކުރާ ގެއިން މަރުޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތަޤްރީރުކުރެއްވުމަށް ޚާއްސަކޮށްގެން ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެމަނިކުފާނު ވަޑައިގެންފި

ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ މި ސަރަހައްދުގެ ހަމަޖެހުން ޤާއިމްކުރުމަށް މުހިންމު ކަމެއް، ރާއްޖެއާއެކު ވަރުގަދަ ގުޅުމެއް ބޭއްވުމަކީ އިންޑިއާގެ އަމާޒެއް- މޯދީ

އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އޭގެ ފައިދާކުރާނެ އެހީތަކެއް- މިއީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމެއް- މޯދީ

އިންޑިއާއާއި ރާއްޖޭގެ ގާތް ގުޅުމަކީ ދެޤައުމުގެ ދެމެދުގައި ހިނގާ އެކި ކަންތައްތަކުގައި އެއްޤައުމު އަނެއް ޤައުމަށް އެހީތެރިވުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް- މޯދީ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ޝަރަފަކީ ދެ ޤައުމުގެ ޤާތް ގުޅުން ރަމްޒުކޯށްދޭކަމެއް- މޯދީ

ރާއްޖޭގައި ސުލްހަ ދެމެހެއްޓުމަށްޓަކައި އިންޑިއާ ކަނޑުގެ ޤައުމުތަކުގެ މެދުގައި ހަމަޖެހުން މުހިންމު- ރައީސް

ސިއްޙީ ދާއިރާއިން އިންޑިއާއާއި އެކު ވެވުނު އެއްބަސްވުމަކީ ސިއްޙީ ދާއިރާ ކުރިއަރުވަން ލިބިގެންދިޔަ ފުރުޞަތެއް- ރައީސް

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކާއެކު އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ- ރައީސް

ދިވެހި ދައުލަތުން މިހާރު ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުވައިފި. މި އިއްޒަތް އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް އެރުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

އިންޑިއާ ސަރުކާރުގެ އެހީގައި ޤާއިމްކުރި ކޯސްޓަލް ސަވައިލެންސް ރޭޑަރ ސިސްޓަމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އިންޑިއާގެ ބޮޑުވަޒީރު ފަށްޓަވައިދެއްވައިފި

އިންޑިއާ ސަރުކާރުގެ އެހީގައި ޅ. މާފިލާފުށީގައި ޤާއިމްކުރި ޓްރެއިނިންގ ސެންޓަރު ހުޅުވައިފި

އިންޑިއާއާއި ރާއްޖެއާއި ދެމެދު ވައިޓް ޝިޕިންގް އިތުރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިންޑިއާގެ ނެޝަނަސް ސެންޓަރ ފޮރ ގުޑް ގަވަނެންސްއިން, ސިވިލް ސަރވެންޓުންނަށް ޚާއްސަ ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގް އިތުރު ކުރުމުގެ އެއްބަސްވުމެއްގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ސޮއިކޮށްފި

އިންޑިއާ އާއި ރާއްޖެއާއި ދެމެދު "ކާގޯ އެންޑް ޕެސެންޖަރ ފެރީ" ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި. މި އެއްބަސްވުމުގެ ދަށުން ހދ.ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު "ކާރގޯ ޕެސެންޖަރ" ފެރީގެ ޚިދުމަތް ފެށޭނެ

ސިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ސޮއިކޮށްފި

އިންޑިއާއާއި ރާއްޖެއާއި ދެމެދު ހައިޑްރޮގްރަފީ އަދި އޯޝަން އިކޮނޮމީގެ ދާއިރާއިން ވެވޭ އެއްބަސްވުމުގައި ސޮއިކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

އިންޑިއާގެ ބޮޑުވަޒީރާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ މަޝްވަރާތަކަށްފަހު ދެޤައުމުން ގުޅިގެން ނެރޭ ބަޔާން ނެރުންވެސް އޮންނާނެ

ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މި ޢިއްޒަތް އެރުވުމަށް ނިންމެވީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ޤައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވާ ޚާއްޞަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ދިވެހިރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަށްޓަކައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި ދިވެހި ދައުލަތުން މިހާރު ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެރުވުން އޮންނާނެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން މޯދީ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވާފައި

މޯދީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންފައިވަނީ ރަސްމީ އިއްޒަތުގައި ހަތްކޮޅުގައި

ދިވެހިރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާއާއި ރާއްޖޭގެ ގުޅުމުގެ މުހިންމު ކަމާއި ތަފާދު ދާއިރާތަކުން ގުޅުން ބަދަހި ކުރަން ބޭނުންވާކަން ހާމަވާކަމެއް- މޯދީ

ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން މޯދީ ކުރެއްވި ޓްވީޓެއް

މޯދީ މާލެ ވަޑައިގަތުމުން އިއްޒުއްދީން ފާލަމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާލެ ވަޑައިގަންނަވާ ލޯންޗުކޮޅު އިއްޒުއްދީން ފާލަމަށް ކައިރިކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމަށް ބާއްވަވާ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ޖުމްހޫރީ މައިދާނަށް ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެއަރޕޯޓުން މަރުޙަބާ ދެންނެވުން

މޯދީގެ މި ދަތުރުފުޅުގައި އިކޮނިމިކް މިނިސްޓްރީއާއި އިންޑިއާގެ ސްކިލްސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން ހުނަރުވެރިކަން އިތުރުކުރުމުގެ އެއްބަސްވުމަކާއި، ކަރަންސީ ސްވަޕް އެގްރީމެންޓެއް އަދި ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

މޯދީގެ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތައް

  • ސިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްވަސްވުން
  • އިންޑިއާގެ ނެޝަނަސް ސެންޓަރ ފޮރ ގުޑް ގަވަނެންސްއިން, ސިވިލް ސަރވެންޓުންނަށް ޚާއްސަ ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމް ހިންގުމުގެ އެއްބަސްވުން
  • އިންޑިއާއާއި ރާއްޖެއާއި ދެމެދު ވައިޑް ޝިޕިންގް އިތުރުކުރުމުގެ އެއްބަސްވުން
  • އިންޑިއާއާއި ރާއްޖެއާއި ދެމެދު ހައިޑްރޮގްރަފީ އަދި އޯޝަން އިކޮނޮމީގެ ދާއިރާއިން ވެވޭ އެއްބަސްވުން
  • ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގް އިތުރު ކުރުމުގެ އެއްބަސްވުން
  • އިންޑިއާ އާއި ރާއްޖެއާއި ދެމެދު "ކާގޯ އެންޑް ޕެސެންޖަރ ފެރީ" ފެށުމުގެ އެއްބަސްވުން

އިންޑިއާގެ ބޮޑުވަޒީރު ނަރަނެދުރަ މޯދީގެ މި ދަތުރުފުޅުގައި، ދިވެހި ދައުލަތުން މިހާރު ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެމަނިކުފާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ބައެއް މިނިސްޓަރުންނެވެ. މޯދީއަށް ރަސްމީކޮށް މަރުހަބާ ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މޯދީއަށް މަރުޙަބާ ދެންނެވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 16:00 ގައި ޖުމްހޫރީ މައިދާނުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެހެން ނަމަވެސް މި ދަތުރުފުޅަކީ މޯދީ ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެމަނިކުފާނުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްވެސް ރާއްޖެ ވަޑައިގެންފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މި ދަތުރުފުޅުގައި 5 ދާއިރާއަކުން 6 އެއްބަސްވުމެއްގައި ރާއްޖެއާއެކު ސޮއިކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިއަދު މަޣްރިބް ނަމާދަށްފަހު 6:45 ހާއިރު ރައްޔިތުންގެ މަޖިލީހުގައި ބާއްވަވާ ޚާއްޞަ ޖަލްސާގައި އެމަނިކުފާނު ތަޤްރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މޯދީގެ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއި ދެމެދު އެކުލަވާލެވޭ ކޯސްޓަލް ރާޑަރ ސިސްޓަމް އިފްތިތާހު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑީއާ ސަރުކާރާއި ދެމެދު ފަސް ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ސިވިލް ސާރވިސް މުވައްޒަފުން ތަމުރީނު ކުރުމާއި ބެހޭ އެއްބަސްވުމަކާއި ކަސްޓަމްސް ދާއިރާ އިން އެކުލަވާލެވޭ އެއްބަސްވުމަކާއި ދިވެހި ޒުވާނުން ހުނަރުވެރިކަން އިތުރުކުރުމަށް ވެވޭ އެއްބަސްވުމެއް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.