ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 290 އަށް

LIVE

ސްރީލަންކާގައި މިއަދު ދިން ނުރައްކާތެރި ބޮމުގެ ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރައިފިއެވެ. މަރުވި މީހުންގެ ތެރޭގައި އެހެން ޤައުމުތަކަށް ނިސްބަތްވާ 30 މީހުން ހިމެނޭކަމަށާއި ޒަޚަމްވި މީހުންގެ އަދަދު 500 އަށްވުރެ އިތުރުކަމަށްވެސް އެޤައުމުގެ ރަސްމީ އިދާރާތަކުން ހާމަކުރެއެވެ. އިއްޔެ ހެނދުނު ފައްޅިތަކަކާއި ބައެއް މަތީ ފަންތީގެ ހޮޓާތަކަށް ދިން ޙަމަލާތަކާ ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް އެޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ. ބޮމުގެ ޙަމަލާއާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ވަނީ އެޤައުމުގައި ބްލޮކްކޮށްފައެވެ. އިއްޔެ ކާފިއު އިއުލާނުކުރިނަމަވެސް މިއަދު ހެނދުނު ކާފިއު ވަނީ އުވާލާފައެވެ.

ސްރީލަންކާގައި ދިން ޙަމަލާ ކުރުގޮތަކަށް

ހެނދުނު 8:30 ހާއިރު ލަންކާ ރައްޔިތުން ސިއްސުވާލީ އެޤައުމުގައި ދޭން ފެށި ބޮމުގެ ޙަމަލާތަކުންނެވެ. ޙަމަލާ ފެށުނީ ކޮލަމްބޯ 13ގެ ކޮށްޗިކަޑޭގައި ހުންނަ ފަޅިއަކުންނެވެ. ދީނީގޮތުން އިހްތިފާލްތަކެއް ފާހަގަކުރާ ދުވަހަކަށް ވާތީ ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ޖަމާވެ ތިއްބެވެ.

1- ޙަމަލާތައް އަމާޒުވި ތަންތަން

- ކަޓުވަމިޓިޔާ ޗާޗް
- ޝަންގްރިއްލާ ހޮޓެލް، ކޮލަމްބޯ
- ސިނަމަން ގްރޭންޑް ހޮޓެލް
- ބައްޓީކަލޯއާގައި ހުންނަ ފަޅިއެއް
- ކިންގްސްބަރީ ހޮޓެލް، ކޮލަމްބޯ
- ދެހިވަލަ
- ޑެމަޓަގޮޑާ

2- މަރުވި މީހުންނާއި ޒަޚަމްވި މީހުން

- މަރުވި މީހުންގެ ޖުމްލަ އަދަދު މިހާތަނަށް / 215
- ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު މިހާތަނަށް / 450

3- ޙަމަލާއާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން

- ޙަމަލާތަކާ ގުޅިގެން މިހާތަނަށް 7 މީހަކު ވަނީ ހައްޔަރުކޮށްފައި
- ލަންކާގައި ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ކާފިއު އިޢުލާންކޮށްފައި
- ލަންކާގެ އެއަރޕޯޓްތަކާއި އެކި ސަރަޙައްދުތަކުގައި ވަނީ ސަލަމާތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި

ދުނިޔޭގެ ޤައުމުތަކުގެ ވެރިން ގެންދަވަނީ ސްރީލަންކާގައި ދިން ބޮމުގެ ޙަމަލާތައް ކުށްވެރިކޮށް، ހަމްދަރުދީ ފާޅުކުރަމުންނެވެ.

ސްރީލަންކާގައި މިއަދު ދިން ނުރައްކާތެރި ބޮމުގެ ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު 200 އަށްވުރެ އިތުރުކަމަށް އެޤައުމުގެ މީޑިއާތަކުން ބުނެފިއެވެ. މަރުވި މީހުންގެ ތެރޭގައި އެހެން ޤައުމުތަކަށް ނިސްބަތްވާ 30 މީހުން ހިމެނޭކަމަށާއި ޒަޚަމްވި މީހުންގެ އަދަދު 450 އަށްވުރެ އިތުރުކަމަށްވެސް އެޤައުމުގެ ރަސްމީ އިދާރާތަކުން ހާމަކުރެއެވެ. މިއަދު ހެނދުނު ފައްޅިތަކަކާއި ބައެއް މަތީ ފަންތީގެ ހޮޓާތަކަށް ދިން ޙަމަލާތަކާ ގުޅިގެން މިހާތަނަށް 7 މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް އެޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ. ބޮމުގެ ޙަމަލާއާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ވަނީ އެޤައުމުގައި ބްލޮކްކޮށްފައެވެ. އަދި ވަކި މުއްދަތެއް ނެތް ގޮތަށް މުޅި ޤައުމުގައި ވަނީ ކާފިއު އިޢުލާންކޮށްފައެވެ.

ސްރީލަންކާއަށް އެހީވުމަށް އެމެރިކާ ތައްޔާރަށް އޮތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފި.

ސްރީލަންކާއަށް މިއަދު ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ސްރީލަންކާ ސަރުކާރަށް އެއްބާރުލުން ދެއްވައި، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ޙާލު ބައްލަވައިލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލް ސްރީލަންކާއަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފި

ސްރީލަންކާގެ އިތުރު ސަރަހައްދެއްގައި އަނެއްކާވެސް ބޮމެއް ގޮއްވާލައިފި. ލަންކާގެ ނޫހެއްގައި ވާގޮތުން މިފަހަރު ބޮމުގެ ހަމަލާ ދީފައިވަނީ ޑެމަޓަގޮޑާގެ ހައުސިން ކޮމްޕްލެކްސް އެއްގައި.

ސްރީލަންކާގައި ކާފިއު އިއުލާންކޮށްފި. ކާފިއު އިއުލާންކޮށްފައި މިވަނީ އިތުރު ސަރަހައްދުތަކެއްގައި ބޮންތަކެއް ގޮއްވާލުމާ ގުޅިގެން

ސްރީލަންކާގައި ވައިބަރ އާއި ފޭސްބުކާއި ވަޓްސްއެޕް ބްލޮކް ކޮށްފި

ސްރީލަންކާ ސަރުކާރުން އާއްމުކުރަމުންދާ އެލަރޓްތަކާއި ކުރަމުންދާ އިލްތިމާސްތަކަށް ބޯލަނބާ ޢަމަލުތައް އެގޮތަކަށް ބެހެއްޓުމަށް ސްރީލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނާއިބު އަސްލަމް ޝާކިރު އިލްތިމާސް ކުރައްވައިފި.

ދެހިވަލާ ޒޫ ކައިރީގައި ހުރި ހޮޓަލަކަށްދިން ހަމަލާގައި ޒަހަމްވި 2 މީހަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާކަން ކަލުބޯވިލާ ހޮސްޕިޓަލުން ކަށަވަރުކޮށްދީފި.

ސްރީލަންކާގެ ދެހިވަލާ ޒޫ ކައިރި ހޮޓަލެއްގައި ދާދި ދެންމެ އެއްޗެއް ގޮއްވާލިކަމަށް ސްރީލަންކާގެ ފުލުހުން ޔަޤީންކޮށްދީފި. އެހެންނަމަވެސް ކޮން ހޮޓަލެއްކަމެއް އަދި ސާފެއްނުވޭ.

ދުނިޔޭގެ އެކިކަންކޮޅުތަކުގެ ލީޑަރުން ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތައް ސިފަކުރައްވަނީ ޒިންމާދާރުކަންކުޑަ ފިނޑި ޢަމަލެއްގެ ގޮތުގައި.

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ހަމަލާ ކުށްވެރިކުރައްވާ ހަމަލާގެ ފަހަތުގައިވާ ފަރާތްތަކާމެދު ވީއެންމެ އަވަހަށް ފިޔަވަޅުތައް އެޅުމަށް ގޮވާލައްވައިފި.

ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރަން ދާ ފަރާތްތަކުން ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ 4 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިޔުމަށް ސްރީލަންކަން އެއަރލައިންސްއިން އިލްތިމާސްކޮށްފި. މިއީ އެއަރަޕޯޓުގައި ސެކިއުރިޓީ ވަރުގަދަކޮށްފައިވާތީ އެޅި ފިޔަވަޅެއްކަމަށް އެ އެއަރލައިނުން ބުނޭ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ސްރީލަންކާއަށް ދިން ލާއިންސާނީ ބޮމުގެ ޙަމަލާތައް ކުށްވެރިކުރައްވައިފި.

ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން މިހާރު ވަނީ ސްރީލަންކާއަށް ކުރާ ކޯލުތަކުގެ އަގުވެސް ހެޔޮކޮށްފައި

ލަންކާގައި ހިނގި ބޮމުގެ ހާދިސާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ދިވެހި ސަރުކާރާއި ރައްޔިތުން، މިފަދަ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް އަބަދުވެސް ދެމި ތިބޭނެކަމުގެ ޔަޤީންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވައިފި

ސްރީލަންކާގައި ތިބި ދިވެހި ޒުވާން ކްރިކެޓް ޓީމް ތިބި ހޮޓަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސްރީލަންކާގެ ސިފައިން ޙަރަކާތްތެރިވާން ފަށައިފި

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން މިވަގުތު ބޭރަށް ނުކުމެ ނޫޅުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައި

ސްރީލަންކާގެ ބައެއް ކޮލެޖުތައްވެސް މިހާރުވަނީ ބަންދުކޮށްފައި. އަދި ބައެއް ކޮލެޖުތަކުގައި ކިޔަވާ ދިވެހި ދަރިވަރުން ސަލާމަތީ ސަބަބަބުތަކަށްޓަކައި އެ ޤައުމަށް މިވަގުތު ނުގޮސް މަޑުކޮށްލުމަށް ބައެއް ކޮލެޖުތަކުން އަންގަމުންދާކަމަށްވެސް ޚަބަރު ލިބޭ

ސްރީލަންކާގައި ހިނގި ބޮންގޮއްވުމުގެ ހާދިސާއާ ގުޅިގެން ސްރީލަންކާގެ ބަނޑާރަނައިކެ އެއަރޕޯޓުގެ ސަލާމާތީ ކަންކަންވެސް ވަނީ ވަރުގަދަކޮށްފައި

މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު 160ހަށްވުރެ ގިނަ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް ޚަބަރުލިބޭ

ކޮލޮންބޯގައި ހިނގައިގެން އުޅޭ ބޮމުގެ ހަމަލާގެ އެއްވެސް އަސަރެއް މިވަގުތު ސްރީލަންކާގައި ތިބި 19 އަހަރުން ދަށުގެ ކްރިކެޓް ޓީމަށް ކޮށްފައި ނުވާކަމަށް ޓީމުން ބުނޭ.

ދިވެހި ސަރުކާރުން ދަނީ މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވިތޯ ބަލަމުން

ބޮން ގޮއްވުމުގެ ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި

ސްރީލަންކާގައި ބޮން ގޮއްވުމުގެ ހާދިސާތަކެއް ހިނގައިފިއެވެ.

މި ހާދިސާތައް ހިނގާފައިވަނީ ލަންކާގެ 3 ހޮޓަލެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހާދިސާތައް ހިނގާފައިވަނީ ދިވެހިން އުޅޭ ސަރަހައްދުތަކެއްގައިނަމަވެސް މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވިކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ. މި ހާދިސާގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް ޚަބަރު ލިބެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މި ހާދިސާއާ ގުޅިގެން އެއްވެސް ދިވެއްސަކަށް އަނިޔާވިތޯ ބަަމުންދާކަމަށެވެ. އަދި އިމަރޖެންސީ ކޮންސިއުލަރ ޚިދުމަތް ބޭނުންވާނަމަ ކޮންސިއުލރ ހޮޓްލައިން 7983400 އަށް ގުޅުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ

ބޮން ގޮއްވުމުގެ ހާދިސާތައް ހިނގާފައިވަނީ ކޮލަމްބޯގައި ހުންނަ ޝަންގްރިލާ ހޮޓަލާއި ސިނަމަން ގްރޭންޑް ހޮޓެލްގެ އިތުރުން ޗަރޗުތަކެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.