ޚަބަރު

ގަމުން ލަންކާއަށް 199$ ދަތުރުކުރެވޭ ހާއްސަ ފެއަރ އެއް ތައާރަފްކޮށްފި
ގައުމީ އެއަރލައިން މޯލްޑިވިއަންއިން އައްޑޫ ސިޓީގެ ގަމާއި ލަންކާއާ ދެމެދު 199 ޑޮލަރަށް ދަތުރު ކުރެވޭ ޚާއްސަ ފެއަރއެއް ތައާރަފްކޮށްފިއެވެ.


މޯލްޑިވިއަންއިން ބުނީ އައްޑު އަތޮޅު ގަމާ ލަންކާއާ ދެމެދު ކުރާ ދަތުރުތަކަށް އެކަށީގެންވާ ތަރުހީބު މިހާރު ލިބެމުން ނުދާ ކަމަށެވެ.


މިދަތުރުތަކަށް ލިބޭ ތަރުހީބު ކުޑަވުމާ ގުޅިގެން 199 ޑޮލަރަށް ނުވަތަ 3068


ރުފިޔާއަށް ދެކޮޅަށް ދަތުރު ކުރެވޭ ޚާއްސަ ފެއަރއެއް މޯލްޑިވިއަނުން މިހާރު ތައާރަފްކޮށްފައިވާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.


ނޯމަލް ފެއަރގައި ގަމާއި ލަންކާ ދެމެދު ދެކޮޅު ދަތުރުގެ އަގުއުޅެނީ 269 ޑޮލަރު ނުވަތަ 4147 ރުފިޔާއަށެވެ.


މިދަތުރުތަކަށް ލިބޭ ތަރުހީބު ކުޑަ ނަމަވެސް މާލެއާއި ލަންކާއާއި ދެމެދު ކުރަމުންދާ ދަތުރުތަކަށް އެކަށީގެންވާ ތަރުހީބެއް ލިބެމުންދާ ކަމަށް އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންސް އަލީ ނަޝާތު ވިދާޅުވިއެވެ.


ނަޝާތު ވިދާޅުވީ މިހާރު ޝެޑިއުލް ހަމަޖައްސަމުންދަނީ ލިބޭ ބުކިންގތަކަށް ބަލައިގެން ކަމަށާއި ގަމާ ލަންކާއަށް އަލަށް ތައާރަފްކުރި 199 ޑޮލަރުގެ ފެއަރއާއި ގުޅިގެން މިދަތުރުތަކުގެ ތަރުހީބު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.


 


ގައުމީ އެއަރލައިން މޯލްޑިވިއަންއިން ގަމާއި ސްރީލަންކާގެ ކޮލޮމްބޯއާ ދެމެދު ދަތުރުތައް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.