ކުޅިވަރު

ސެމީގައި ރާއްޖެ ބަލިވީ އަޝްފާގްއަށް ކާޑް ދެއްކި ހިސާބުން - ގައުމީ ކޯޗް އުރުބާނީ

 


އިއްޔެގެ ސެމީ ފައިނަލް މެޗް ރާއްޖެއަށް ގެއްލުނީ އަޝްފާގަށް ކާޑު ދެއްކި ހިސާބުން ކަމަށް ރާއްޖޭގެ ގައުމީ ޓީމްގެ ކޯޗް އިސްތަވާން އުރުބާނީ ބުނެފިއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އުރުބާނީ ބުނީ އިއްޔެގެ މެޗުން ފެނިގެން ދިޔައީ ރެފްރީންގެ ފެންވަރު ދަށްކަމަށެވެ. އިންޑިޔާ ޓީމް ކުޅުނީ ފުޓްބޯޅަ ނޫން ކަމަށާއި އެޓީމް ބަލަމުން ދިޔައީ ރާއްޖޭގެ ޓީމަށް މިސްޓޭކެއް ހެދެނީ ކޮންއިރަކުންތޯ ކަމަށް އުރުބާނީ ބުނިއެވެ. ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަދި މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ އަޝްފާގް ގޯލް ޖެހުމަށްޓަކައި ޕެނަލްޓީ އޭރިއާ ތެރެއަށް ގަސްތުގައި ވެއްޓިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ އެފެންވަރުގެ ކުޅުންތެރިއެއް ނޫން ކަމަށް އުރުބާނީ ބުނިއެވެ. އިއްޔެގެ މޮޅަކީ އިންޑިޔާއަށް ހައްޤު މޮޅެއް ނޫން ކަމަށްވެސް ގައުމީ ކޯޗް އުރުބާނީ ބުނިއެވެ.


މެޗަށްފަހު ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކަކީ ރަނގަޅު ކަންތައްތަކެއް ނޫން ކަމަށާއި، ނަމަވެސް ތަށްޓަށް އެހާ ބޮޑަށް އުއްމީދުކޮށްގެން އަދި ހައްގު ނޫން ކާޑެއް އަޝްފާގަށް ދެއްކުމުން، އެފަދަ ކަންތައްތައް ވެގެން ހިނގައިދާނެ ކަމަށްވެސް އުރުބާނީ ބުނިއެވެ. އަދި އެވަގުތަކީ ވަރަށް އިމޯޝަނަލް ވަގުތެއްކަމުން ކޮންމެ ކުޅުންތެރިއަކަށްވެސް ލިބިގެން ގޮސްފައިވަނީ ހައިރާންކަމެއް ކަމަށާއި، ނަމަވެސް މިމުބާރާތުގައި ރާއްޖޭގެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އެހެން އެއްވެސް ޓީމަކަށް ދެއްކިފައިނުވާ ވަރުގެ މޮޅު ކުޅުމެއް ކަމަށްވެސް ގައުމީ ކޯޗް އުރުބާނީ ބުނިއެވެ. މެޗަށް ފަހު އިންޑިޔާ ކޯޗް ވިމް ކޮއެވަމަންސް ބުނީ ޓީމްގެ ކުޅުންތެރިންނާމެދު ވަރަށް ފަހުރުވެރިވާ ކަމަށެވެ.


 


އަދި އިންޑިޔާ ޓީމަކީ އެއް ކުޅުންތެރިއަކަށް ބިނާވެފައިވާ ޓީމެއް ނޫންކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދިންކަމަށް ކޯޗު ބުނިއެވެ. ޑިފެންސް ކުރަންވީ ގަޑީގައި ޑިފެންސްކޮށް، އަދި އެޓޭކް ކުރަންވީ ވަގުތު ވަރަށް ރަނގަޅަށް އެޓޭކް ކޮށްފައިވާކަމަށްވެސް ވިމް ކޮއެވަމަންސް ބުނިއެވެ. ވިމް ކޮއެވަމަންސް ބުނީ މިމެޗުން މޮޅުވުން ހައްގުކަން ބޮޑީ އިންޑިޔާ ކަމަށާއި ރާއްޖޭގެ ޓީމުން ބޯޅަ ގެންގުޅެފައިވަނީ ރާއްޖޭގެ ހާފްގެ ތެރޭގައި ކަމަށެވެ. މިމެޗުން ރާއްޖެ ބަލިވީ ފަހު ވަގުތު އިންޑިޔާ ކާމިޔާބުކުރި ހަމައެކަނި ލަނޑުންނެވެ.