ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ގިނަ ރެކޯޑްތަކެއް
 


އިންޑިޔާ އަތުން ބަލިވެ، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ރާއްޖެއަށް ފުރުޞަތު ނުލިބުނަސް މިފަހަރުގެ މުބާރާތް ރާއްޖެ ނިންމާލީ ގިނަ ރެކޯޑް ތަކަކާއެކުއެވެ. އޭގެތެރެއިން އެންމެ ބޮޑު ރެކޯޑަކީ އަށް ސާފް ޗެމްޕިއަންޝިޕް އެއްކޮށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ޤައުމީ ކެޕްޓަން އަލީ އަޝްފާޤް ވުމެވެ. އެއީ ސޯޅަ ގޯލާއެކުއެވެ. އަދި ދިހަ ގޯލާއެކު މިފަހަރުގެ މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީވެސް އޭނާއެވެ. ކުރިއަށް އޮތް ފައިނަލް މެޗުން އެމަޤާމަށް އެހެން ކުޅުންތެރިއަކަށް ލިބުމަކީ ދުރުކަމެކެވެ.


 


އެއް މެޗެއްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީވެސް މިޞަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ އަޝްފާޤްއެވެ. އެއީ ލަންކާ ކޮޅަށް ޖެހި ހަ ގޯލުންނެވެ. އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި ޓީމަކީ ދިވެހިރާއްޖެއެވެ. އެއީ ދިހަ އެއް ސުމަކުން ސްރީލަންކާ ބަލިކޮށްގެންނެވެ. އެއް މުބާރާތެއްގައި އެންމެ ގިނަ ގޯލް ޖެހި ޓީމަކީވެސް ދިވެހި ޤައުމީ ޓީމްއެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމް ވަނީ އަށާރަ ގޯލް ޖަހާފައެވެ.