ކުޅިވަރު

ޤަތަރުގައި 2022ވަނަ އަހަރު ވޯލްޑްކަޕް ބޭއްވުން ގޯހަކަށް ވެދާނެ - ބްލެޓާރ

 


ދެހާސް ބާވީހުގެ ވޯލްޑްކަޕް ޤަތަރުގައި ބާއްވަން ނިންމި ނިންމުމަކީ ގޯހަކަށްވެދާނޭކަމަށް ފީފާގެ ރައީސް ސެޕް ބްލެޓަރ ވިދާޅުވެއްޖެއެވެ. މެދު އިރުމަތީގެ ޤައުމެއްކަމަށްވާ ޤަތަރުގެ ހޫނުމިން، ހޫނު މޫސުމުގައި ފަންސާސް ޑިގްރީއަށްވެސް އަރާފާނެއެވެ. އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުގެ ޗެއާރމަން ގްރެގް ޑައިކް ބުނެފައިވަނީ އެފަދަ ހޫނުމިނެއްގައި ފުޓްބޯޅަކުޅުމަކީ ނުވާނޭކަމެއްކަމަށެވެ.


 


ބްލެޓަރ ބޭނުންވަނީ ޤަތަރުގައި ބާއްވާ ވޯލްޑްކަޕް ފިނި މޫސުމުގައި ބޭއްވުމަށެވެ. ޤަތަރުގައި ވޯލްޑްކަޕް ބޭއްވުމަށް ނިންމި ނިންމުމަކީ ހެދުނު ގޯހެއްކަމަށްވިޔަސް ވޯލްޑް ކަޕް ހަމައެކަނި ޔޫރަޕުގައިވެސް ނުބޭއްވޭނެކަމަށް ބްލެޓަރ ޤަބޫލުކުރައްވައެވެ. ބްލެޓަރގެ އެދުމާ އެއްގޮތަށް ދެހާސް ބާވީހުގެ ވޯލްޑްކަޕް އެ އަހަރުގެ ފިނި މޫސުމަށް ބަދަލުކުރުމަށް އަންނަ މަހު އޮންނަ ފީފާ އެކްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެކަމަށް ބެލެވިފައިވެއެވެ.


 


ޕްރިމިއަރ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗާޑް ސްކޫޑަމޯ ބުނެފައިވަނީ ދެހާސް ބާވީހުގެ ވޯލްޑްކަޕް ފިނި މޫސުމަށް ބަދަލުކޮށްފިނަމަ ދުނިޔޭގެ އެކި ފުޓްބޯޅަ ލީގްތަކަށް ބޮޑު މައްސަލަތަކެއް ކުރިމަތިވެގެންދާނޭކަމަށެވެ. ދެހާސް ބާވީހުގެ ވޯލްޑްކަޕް ބިޑް ޤަތަރުން ކާމިޔާބުކުރީ ސައުތް ކޮރެއާ، ޖަޕާން، އޮސްޓްރޭލިއާ އަދި އެމެރިކާޔާވެސް ވާދަކޮށްފައިވަނިކޮށެވެ.