ވިޔަފާރި

ރެޑިސަން ބުލޫ ހޮޓެލުން އަންނަ އަހަރު ޚިދުމަތްދޭން ފަށާނެ-އެސްޓީއޯ

ސްޓޭޓް ޓްރޭޑިންގ އޯގަނަޒޭޝަން އެސްޓީއޯއިން ހުޅުމާލޭގައި އަޅަމުންދާ ފަސް ތަރީގެ "ރެޑިސަން ބުލޫ ހޮޓެލް' ނިންމައި ޚިދުމަތް ދެވޭވަރުވާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މިހާރު އެތަނުގައި ކުރިއަށްދަނީ އިމާރާތުގެ ޑިޒައިންގެ މަސައްކަތްތަކާއި، ނިންމާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޝާހިދު އަލީ ވިދާޅުވިއެވެ. ހޮޓެލް ނުނިމި ލަސްވީ ފައިސާ ލިބުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށާ، އެކަންތައް ހައްލުވެ މިހާރު ތާވަލް ކުރެވިފައިވާ މުއްދަތުގެ ތެރޭގައި ހޮޓެލްގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. މިހޮޓާ އެޅުމަށްޓަކައި ތައިލެންޑް އެކްސްޕޯޓް އިމްޕޯޓް ބޭންކުން ތިރީސް ދެ މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައި ކަމަށާއި، މިލޯނުގެ ދަށުން ހޮޓެލްގެ މަސައްކަތްތައް ކުރަންޖެހެނީ ތައިލެންޑްގެ މަސައްކަތްތެރިން ބޭނުންކޮށްގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.