ސިއްހަތު

މިއަހަރު، 3 ރަށެއްގައި އަލަށް ސިއްހީ މަރުކަޒު ގާއިމްކުރަނީ

ތިންރަށެއްގައި އަލަށް ސިއްޙީ މަރުކަޒު މިއަހަރުގެ ތެރޭގައި ޤާއިމް ކުރެވިގެން ދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އެމް.ބީ.ސީ ނިއުސްއާއި ވާހަކަދައްކަވަމުން ހެލްތް މިނސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ވިދާޅުވީ، އަލަށް ސިއްޙީ މަރުކަޒު ޤާއިމު ކުރެވޭ ތިންރަށަކީ މީގެ ކުރިން ސިއްހީ މަރުކަޒު ނުހުންނަ ތިންރަށްކަމަށާއި އެހެން ނަމަވެސް ސިއްހީ ހިދުމަތް ދެވޭނެ އިންތިޒާމު މި ތިން ރަށުގައިވެސް ހަމަ ޖެހިފައިވާކަމަށެވެ.މިއަހަރު އަލަށް ސިއްހީ މަރުކަޒު ގާއިމް ކުރާ ތިން ރަށަކީ އއ ހިމަންދާއާއި ނ އަތޮޅު މަގޫދޫގެ އިތުރުން ރ އަގޮޅި ތީމް ކަމުގައި ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.މީގެ އިތުރުން ޅ އަތޮޅު ނައިފަރާއި ހިންނަވަރު ސިއްހީ ހިދުމަތް ދޭ އިމާރާތުގެ ޖާގައިގެ ދަތިކަން ހުރުމާއެކު މި ދެއިމާރާތަށްވެސް ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ. އަދި ގދ. ގައްދޫގެ ސިއްހީ ހިދުމަތްދޭ އިމާރާތުގެ ޖާގައިގެ ދަތިކަން ހުރުމާއެކު ރަނގަޅު ފެންވަރުގެ އިމާރާތެއް މިއަހަރު ތެރޭގައި މިރަށުގައިވެސް ގާއިމް ކުރެވިގެންދާނެ ޤާސިމް ވިދާޅުވިއެވެ.މިއަހަރު ތެރޭގައި ޖާގައިގެ ދަތިކަން ހުންނަ ރަށްތަކުގައި ޖާގަ އިތުރު ކުރުމާއި ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް މިއަހަރު ތެރޭގައިވެސް ފެށިގެންދާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.