ސިޔާސީ

ރައްޔިތުންގެ ރުހުން އޮތް ބޮޑު އިއްތިހާދެއް އެޕާޓީއާއި ދެކޮޅަކަށް ނުނިކުންނާނެ

ރާއްޖޭގެ ރައްޔިތުންގެ ރުހުން ލިބިފައިއޮތް ބޮޑު އިއްތިހާދެއް އެމް.ޑީ.ޕީއާއި ދެކޮޅަށް އިންތިހާބުގެ ދެވަނަ ބުރުގައި ނުނިކުންނާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


ރޭ އެމް.ޑީ.ޕީގެ ގަލޮޅު ދެކުނު ޖަގަހަ ކައިރީގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިއްތިހާދެއް އުފެއްދުމަކީ އެބޭފުޅުން، އެބޭފުޅުންނާއި މަޝްވަރާކޮށްގެން އުފެދޭ އެއްޗެއްކަމަށް ސިޔާސީ ބައެއް ބޭފުޅުން ދެކިލެއްވި ނަމަވެސް، އެފަދަ އިއްތިހާދެއް އުފެދޭނީ ރައްޔިތުން އެކަމަށް ބޭނުންވެ، ރައްޔިތުންގެ ވިންދާއި އެއްގޮތަށް އެފަރާތްތައް ކުރިއަށް ގޮސްގެންކަމަށެވެ.


އަދި 2008 ވަނަ އަހަރުގެ އިންތިހާބުގައި ބަދަލަކަށް އެދި ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް އެކުވި ނަމަވެސް، މިފަހަރުގެ އިންތިހާބުގައި ރައްޔިތުން ތިބީ އެމް.ޑީ.ޕީއާ ވާދަކުރުމަށްޓަކައި އެކުވާން ތައްޔާރަށް ނޫންކަން ކަށަވަރުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.