ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެ

LIVE

ވޭތުވެދިޔަ ދެ ގަޑިއިރު ތެެރޭގައި މާލެއަށް ކުރި ވިއްސާރާގައި މާލޭގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެއްޖެއެވެ. މާލެއަށް މިއަދު ހެނދުނު 10:00އިން ފެށިގެން ބޯކޮށް ވާރޭ ވެހެމުން އަންނައިރު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކ އަތޮޅުން ފެށިގެން އއ. އަތޮޅާއި ހަމައަށް ޔެލޯ އެލާރޓު ނެރެފައެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވައިޓު އެލާރޓު ވެސް ވަނީ ނެރެފައެވެ.

ކަލާފާނު ސްކޫލްގައި ޤާއިމްކޮށްފައިވާ އެހީފޯރުކޮށްދޭ މަރުކަޒުގައި މިވަގުތު ތިބީ ހާލުގައި ޖެހިފައިވާ 2 އާއިލާއެއްގެ 6 މީހުންކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މަޢުލޫމާތުދޭ.

ސިފައިން މިހާރު ކުރިއަށްގެންދާ ފެން ހިއްކުމުގެ އޮޕަރޭޝަންއަށް އެހީތެރިވުމަށް ބައެއް ކުންފުނިތަކުން ދަނީ ޕަންޕު ހަދިޔާކުރަމުން. މިގޮތުން އެލިއާ ކޮންސްޓްރަކްޝަނުން 4 ޑިސަލް ޕަންޕާއި 5 އިލެކްޓްރިކަލް ޕަންޕު ވަނީ ހަދިޔާކޮށްފައި.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ކޯރޑިނޭޝަން ސެންޓަރ އަދި ހާލުގައިޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދޭ މަރުކަޒު ޤާއިމްކޮށްފައިވާ ކަލާފާނު ސްކޫލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޒިޔާރަތްކުރައްވާ، އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި.

މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި މާލެއަށް ބޯކޮށް ވާރެވެހުމާ ގުޅިގެން މާލޭގެ ގިނަ ރައްޔިތުންނަށް ދިމާވި ދަތި އުނދަގުލަށް ހިތާމަކުރާކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އާއި ސިފައިންނާއި ފުލުހުން އަދި އެހެނިހެން ސަރުކާރުގެ އިދާރާތަކާއި މޯލްޑިވިއަން ރެޑް ކްރެސެންޓް އަދި އެހެނިހެން ސަރުކާރުގެ އިދާރާތަކާއި އަދި އާއްމު ފަރުދުން ދަނީ މަގުތަކުގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާ، ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީ ފޯރުވުމުގެ މަސައްކަތްކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ބަޔާނުގައި އެން.ޑީ.އެމް،ސީ، އެމް.އެން.ޑީ.އެފް، އެމް.އާރު.ސީ، މޯލްޑިވްސް ޕޮލިސް އަދި އާއްމު ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މާލެއަށް މިއަދު ކުރި ވިއްސާރައިގައި ބައެއް ގެތަކަކަށް ފެން ވަދެ، ގެއްލުންތަކެއް ވަނީ ލިބިފައި.

ވިއްސާރައިގެ ސަބަބުން މިހާތަނަށް 8 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފި.

ވިއްސާރަވެ، ފެންބޮޑުވުމާ ގުޅިގެން ގެއްލުން ލިބި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކަލާފާނު ސްކޫލްގައި ވަގުތީ ހިޔާއެއް ވަނީ ޤާއިމްކޮށްފައި.

ގޭގައި ނުޅެވޭވަރަށް ގެއްލުން ލިބިއްޖެނަމަ 115 ނަމްބަރު ފޯނަށް ގުޅުއްވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މަޢުލޫމާތުދެއްވާ.

ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ފެން ހިއްކުމަށް ކުރާ މަސައްކަތް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދަނީ ބައްލަވާލައްވަމުން.

އައިޖީއެމްއެޗް ކައިރީ ފެންބޮޑުވެފައިވާ ސަރަޙައްދުގައި އެއްވެސް ކަހަލަ ކަރަންޓް ލީކެއް ނެތްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ދެ ގެއަކަށް ފެންވަދެ ވަރަށް ބޮޑަށް ގެއްލުންވެފައިވާތީ، އެ ގެތަކުގެ މީހުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި.

ގޭގޭގައި ވެލި ބަސްތާ ޖަހާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުން

މާލޭގައި ފެންބޮޑުވެފައިވާތީ ސިއްހީގޮތުން ކުރިމަތިވެދާނެ ކަމަކަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފި.

އަމީނީމަގު އަދި ކަނބާއައިސާ ރަނި ހިނގުމުގައިި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާތީ، މި ދެ މަގުގައި ބާރަށް ވެހިކަލް ދުއްވުމުގެ ސަބަބުން ޕާކިން ޒޯންތަކުގައި ޕާކްކޮށްފައިވާ ސައިކަލްތައް ވެއްޓި އަދި ގެއްލުން ލިބެމުންދާތީ ވެހިކަލް އަދި ސައިކަލް ދުއްވާ ފަރާތްތައް މަޑުން ވެހިކަލް ދުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން އިލްތިމާސްކޮށްފި.

އެމްއެންޑީއެފުން ދަނީ ފެން ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ހެދިފައިވާ ފެންގަނޑުގައި ކަރަންޓްގެ އަސަރު ހުރިކަމުގެ ރިޕޯޓްތައް ލިބެމުންދާތީ އެކަން ބަލަމުންދާކަމަށް ފުލުހުން ބުނެފި.

ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފްގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 118 ނަމްބަރު ފޯނަށް ގުޅުއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރޭ.

ވިއްސާރައާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ 115 އަށް ގުޅުމަށް އެ ސެންޓަރުން ވަނީ އެދިފައި

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ހއ. އިން ފެށިގެން ވ.އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި.

މަގުތައް ބޭނުންކުރުމުގައި ދުއްވާ މީހުންނާއި ހިންގާ މީހުން އިތުރަށް ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓަރ އިލްތިމާސްކުރައްވައިފި

މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ ޓެކްސީ ދަތުރުކުރާ ފަރާތްތަކުން ޓެކްސީ ޕާކް ކޮށްފައި ނުބާއްވާ އާންމުންގެ ޚިދުމަތަށް ނިކުތުމަށް ޓްރާންސްޕޯޓް މިނިސްޓަރ އިލްތިމާސް ކުރައްވައިފި

މާލޭގެ ދެ ގެއެއްގައި ފެންބޮޑުވުމުގެ ސަބަބުން އެ ގެތަކުގެ މީހުންނަށް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ދަނީ އެހީތެރިކަން ފޯރުކޯށްދެމުން

މާލެއަށްކުރަމުންދާ ވިއްސާރަ މިހާރު ވަނީ ކޮންމެވެސް ވަރަކަށް ތުނިކޮށްލާފައި

- މިހާރު ކުރަމުންދާ ވިއްސާރައިގައި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް ކޯރޑިނޭޝަން ސެންޓަރެއް ޤާއިމްކޮށް، މަސައްކަތްކުރަމުންދާކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފި.

- ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަށް އެހީވުމަށް މާލެ ސިޓީ ކައުންސިލުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ދަނީ ކުރަމުން- ޑެޕިއުޓީ މޭޔަރ

- މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ގޭގެއާއި ވިޔަފާރިކުރާ ތަންތަނަށް ފެން ވަދެ، ގެއްލުންތަކެއް ދަނީ ލިބެމުން.

- މާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށްވެސް ވިއްސާރައިގެ ސަބަބުން ވަނީ ގެއްލުންތަކެއް ލިބިފައި.

- މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސުން ދަނީ ކުރަމުން

- މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަަބަބުން މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ޕާކުކޮށްފައިވާ ވެހިކަލްތައް މަގުމައްޗަށް ވެއްޓިފައިވާތީ އެކަމަށް އާއްމުން ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން އިލްތިމާސްކޮށްފި.

- މާލެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ޕީ.އެސް.އެމްގެ ޓީވީ ޗެނަލްތައް ހިންގަމުންދާ ޓީވީ ބިލްޑިންގއަށް ގެއްލުންތަކެއް ލިބެމުންދާތީ، ޕީ.އެސް.އެމްގެ ޓީވީ ޗެނަލްތަކުގެ ޓްރާންސްމިޝަން ވަގުތީގޮތުން މެދުކަނޑާލަންޖެހިދާނެކަމަށް މަޢާފާއެކު ދަންނަވަން.ވޭތުވެދިޔަ ދެ ގަޑިއިރު ތެެރޭގައި މާލެއަށް ކުރި ވިއްސާރާގައި މާލޭގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެއްޖެއެވެ.

މާލެއަށް މިއަދު ހެނދުނު 10:00އިން ފެށިގެން ބޯކޮށް ވާރޭ ވެހެމުން އަންނައިރު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކ އަތޮޅުން ފެށިގެން އއ. އަތޮޅާއި ހަމައަށް ޔެލޯ އެލާރޓު ނެރެފައެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވައިޓު އެލާރޓު ވެސް ވަނީ ނެރެފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު 1:00 އާ ހަމައަށް މާލެއަށް 44 މިލިމީޓަރގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު 11:00އިން 1:00އާ ހަމައަށް ހުޅުލެއަށް 29 މިލިމީޓަރގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައިވާއިރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަންނަނީ މަގުތަކުގައި ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

މެޓު އޮފީހުން ބުނީ ކުރިއަށް އޮތް ސައުވީސް ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.