ދީން

ވ.ކެޔޮދޫގައި މިސްކިތެއްގެ ބިންގާ އަޅައިފި

ކުވައިތުގެ އިމާމަކާއި، އެލިޔާ ކޮންސްޓްރަކްޝަންގެ އެހީގައި ވ.ކެޔޮދޫގައި
މިސްކިތެއް ބިނާކުރުމަށްޓަކައި ބިންގާ އަޅައިފިއެވެ.



"ޒައިދު ބިން ޘާބިތު"
ރަޟިޔަﷲ ޢަންހުގެ ނަމުން ނަންދީފައިވާ މި މިސްކިތުގެ
ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުވައިތުގެ
އިމާމު ޝައިޚް އީސާ އަލް އީސާއާއި، އެލިޔާ ކޮންސްޓްރަކްޝަންގެ އެގްޒެކެޓިވް
ޑިރެކްޓަރ އަލާއު އަލީގެ އިތުރުން، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް
މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތައް ބިންގާ
އެޅުނު މި މިސްކިތުގައި އަންހެނުންނަށްވެސް ނަމާދު ކުރެވޭނެކަމަށާއި މި ތަން
ވެގެންދާނީ، ވ.އަތޮޅުގައި ދީނީ ކަންކަން ކުރިއަރުވާ
މައި އިދާރާއަށްކަމަށެވެ.



މި މިސްކިތް ބިނާކުރުމަށް ކުވައިތުގެ ސެންޓްރަލް މިސްކިތުގެ އިމާމު ޝައިޚް
އީސާ އަލް އީސާ ވަނީ ދިވެހި ސަރުކާރަށް ތިން ލައްކަ ޑޮލަރު ހަދިޔާ ކުރައްވާފައެވެ.
އަދި އެލިޔާ ކޮންސްޓްރަކްޝަންގެ ފަރާތުން މި މިސްކިތް އެޅުމަށް 1.8 މިލިޔަން
ދިވެހި ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.