ޚަބަރު

ސޫރިޔާއިން ހަނގުރާމައިގެ އިން ފަހަނައަޅާ ގޮސްފިކަމަށް ޢަރަބި ޑިޕްލޮމެޓުންވެސް އިއްތިފާޤުވޭ- ޖޯން ކެރީ
ސޫރިޔާގައި ކެމިކަލް ހަތިޔާރުގެ ބާރުގެ ބޭނުންކުރުމަކީ، މިހަނގުރާމައިގެ އިމެއް ކަމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ކަނޑައަޅާފައިވާ ރަތް ރޮނގުގެ އިން ފަހަނައަޅާ ދިއުންކަމާ މެދު ޢަރަބި ޑިޕްލޮމެޓުންވެސް އިއްތިފާޤުވެވަޑައިގަންނަވާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު – ޖޯން ކެރީ ވިދާޅުވެއްޖެއެވެ.


ސޫރިޔާގައި ކެމިކަލް ޙަމަލާތަކެއް ދީފައިވާކަމަށް ބުނެ މިދަނޑިވަޅުގައި އެމެރިކާއިންދަނީ ސޫރިޔާއާއި ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ތާއީދު ހޯދުމުގެ  މަސައްކަތްތަކެއް ކުރަމުންނެވެ.


ޢަރަބި ލީގުގެ އިސް ވަޒީރުންނާ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބައްދަލު ކުރެއްވުމަށްފަހު އަސަދު ވިދާޅުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ އިމެއް ކަމުގައި ކަނޑައަޅާފައިވާ ރަތް ރޮނގުގެ އިމާ މެދު ޢަރަބި ލީގުގެ ވަޒީރުން އެއްބަސްވެވަޑައިގެންފައި ވާކަމަށެވެ.


މީގެ އިތުރުން ދުނިޔޭގެ އެންމެ ފުދުންތެރި ވިހި ޤައުމު ނުވަތަ ޖީ-ޓުވެންޓީގެ ސަމިޓުން އެކުލަވާލާފައިވާ ލިޔުމެއްގައި ސޮއިކުރުމަށްވެސް ޢަރަބި ޤައުމުތަކުން ތައްޔާރަށް އޮތްކަމަށް ކެރީ ވިދާޅުވިއެވެ.


މިލިޔުމަކީ ސޫރިޔާގައި ދިންކަމަށް ބުނާ ކެމިކަލް ޙަމަލާގެ ރައްދުގައި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ލިޔުމެކެވެ. އަދި ކުރިޔަށް އޮތް ސައުވީސް ގަޑިއިރެއް ހާއިރުގެ ތެރޭގައި މިކަން އިޢުލާންކުރެވިގެންދާނެ ކަމަށްވެސް ކެރީ ވިދާޅުވިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ސޫރިޔާއާއި ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ޢަރަބި ލީގުން އެއްބަސްވުމަކަށް އައިސްފައިވާކަމަށެވެ.


ނަމަވެސް ޤަތަރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ސޫރިޔާގެ މައްސަލަޔަށް އޮތް ހަމައެކަނި ޙައްލަކީ ސިޔާސީ ފެންވަރުގައި އެކުލަވާލެވޭ ސުލްޙަވެރި ޙައްލެއްކަމުގައި ޤަބޫލުފުޅުކުރައްވާކަމަށެވެ.


 


ސޫރިޔާއާއި ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރުމަށް އެމެރިކާއިން ހަލުވިކަމާއެކު  މަސައްކަތްތަކެއް ކުރަމުންދާއިރު، ބައިނަލްއަޤްވާމީ ފެންވަރުގައި ސޫރިޔާގެ ސަރުކާރަށް އެއްބާރުލުން ދެމުންދާ އީރާނުންވަނީ މިކަމާ ގުޅިގެން އިންޒާރުތަކެއް ދީފައެވެ.