ތަޢުލީމު

ގްރޭޑް އެކަކަށް ވަނުމަށް ދެހާހަށްވުރެ ގިނަ ކުދިންނަށް ޖާގަދެނީ

މިއަހަރު ޕްރީސްކޫލް ނިންމާ އަންނަ އަހަރު މާލޭގެ ސްކޫލްތަކުން ގްރޭޑް އެކަކަށް ވަނުމަށް ދެހާހަށްވުރެން ގިނަ ދަރިވަރުންނަށް ޖާގަ ދެވޭނެކަމަށް އެޑިއުުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ އަބްދުﷲ ނަޒީރު ވިދާޅުވީ މާލޭގެ ސްކޫލްތަކުން  ޕްރީ ސްކޫލް ނިންމާ ގްރޭޑް އެކަކަށް ވަންނަ ކުދިންގެ އަދަދު މިދިޔައަހަރާއި އަޅާބަލާއިރު ތިންސަތޭކަފަންސާސް ކުދިން އިތުރުވެފައިވާކަމަށެވެ. އެގޮތުން ޕްރީ ސްކޫލް މާލޭއިން ނިންމި ކުދިންގެތެރެއިން ގްރޭޑް އެކަކަށް މުޅިޖުމްލަ  ދެހާސް ހަތްދިހަހަތަރު ކުދިންނަށް ޖާގަ ދެވޭނެކަމަށާއި މިކދުިންނަށް ޖާގަ ކަށަވަރުވެފައިވާކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި ސްކޫލުން ޖާގަ ދިނުމުގައި އާއްމުގޮތެއްގައި ބަލަނީ ކުއްޖާ ދިރިއުޅޭ އެޑްރެސް އާ އެންމެ ކައިރި ސްކޫލަކުން ޖާގަދިނުމަށްކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. މީގެ އިތުރަށް އަތޮޅުތެރެއިން މާލޭ ސަރަހައްދުގެ ގްރޭޑް އެކަކަށް ވަނުމަށް އެއްހާސްހަތަރުސަތޭކައަށް ވުރެން ގިނަ ސިޓީ އެޑިޔުކޭޝަން މިނިސްޓްރީއަށް ލިބިފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. ނަޒީރު ވިދާޅުވީ ހުށަހަޅާފައިވާ ސިޓީތަކުގައި ބައެއް މަޢުލޫމާތުތައް ފުރިހަމަނުވާތީ މިކަމަށް އެދި ފޯމެއް ތައްޔާރުކޮށްފައިވާކަމަށާ ފޯމް ހުށަހަޅަން ހުޅުވާލާފައިވާ ފުރުސަތުގައި އިއްޔެއާއި ހަމައަށް ހަތަރުސަތޭކައަށްވުރެން ގިނަ ފޯމް ހުށަހަޅާފައިވާކަމަށެވެ.ގްރޭޑް އެކަކަށް ވަނުމަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން މިމަހުގެ ދިހަވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މިފޯމް ބަލައިގަންނަމުންދާނީ މަޖީދިއްޔާ ސްކޫލާއި ކަލާފާނު ސްކޫލް އަދި ހިރިޔާ ސްކޫލުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ. މީގެ އިތުރުން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ސްކޫލްގައި އެސްކޫލް ހުޅުވިގެންދާއިރު ހުޅުމާލޭގައި ދިރިއުޅޭކުދިންނަށް އެސްކޫލުން ޖާގަ ކަށަވަރުކުރެވޭނެކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.