ސިއްހަތު

3 ރަށެއްގެ ހެލްތް ސެންޓަރ މަރާމާތުކުރަނީ

ތިންރަށެއްގެ ހެލްތް ސެންޓަރ މަރާމާތު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި މިރަސްމިޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ހެލްތް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެހުންނެވި ކާރނަލް ރިޓެޔާރޑް މުހައްމަދު ނާޒިމްއެވެ.މިއަދު މަރާމާތު ކުރުމަށް ހަވާލުކުރެވުނު، ގއ. ދެއްވަދޫ ހެލްތް ސެންޓަރ ހަވާލު ކުރެވުނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ހެލްތް ސެންޓަރ މަރާމާތުކުރުމަށް ގާތްގަޑަކަށް ހަލައްކަ ރުފިޔަ ހޭދަވާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.މި މަރުކަޒު މަރާމާތުކުރުމުގެ އެއްބަސް ވުމުގައި ވެލްމަންޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ސަލީމްއެވެ.މިމަސައްކަތް ސަތޭކަ ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.މީގެ އިތުރުން ބ ކެންދޫ ހެލްތް ސެންޓަރ މަރާމާތު ކުރުމަށް ގާތްގަޑަކަށް ފަސްލައްކަ ރުފިޔާ ހޭދަވާނެކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.ކެންދޫ ހެލްތް ސެންޓަރ ފަސްދޮޅަސް ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ހަމަޖެހިފައެވެ. މި ހެލްތް ސެންޓަރ މަރާމާތުކުރުމަށް ހަވާލު ކުރެވިފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ރަޒާ ކޮންޓްރެކްޓިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކޮންޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުލް ރައޫފެވެ.މީގެ އިތުރުން ހއ ތުރާކުނު ހެލްތް ސެންޓަރ މަރާމާތު ކުރުމަށް ގާތްގަޑަކަށް ތިންލައްކަ ރުފިޔާ ހޭދަވާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. ތުރާކުނު ހެލްތް ސެންޓަރ އަށާވިސް ދުވަހުގެތެރޭގައި މަރާމާތުކޮށް ނިންމުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ހެލްތްސެންޓަރ މަރާމާތު ކުރުމަށް ހަވާލު ކުރެވިފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ސީޑްލިން ކޮންސްޓްރަކްޝަން އެންޑް ކޮންޓެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.