ޚަބަރު

ގްރޫޕް ސްޓޭޖް މިނިންމާލީ ކަނޑައެޅި އަމާޒަށް ވާސިލްވުމަށްފަހު: އުރުބާނީ




 


ސާފް ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖް މިނިންމާލީ ކަނޑައެޅި އަމާޒަށް ވާސިލްވުމަށްފަހު ކަމަށް ޤައުމީ ޓީމްގެ ކޯޗް އިސްތަވާން އުރުބާނީ ބުނެފިއެވެ.


 
ސާފް ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި މިއަދު އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗް އުރުބާނީ ބުނީ އަފްޣާނިސްތާނަކީ ފީފާ ރޭންކިންގްގައި ދެކުނު އޭޝިޔާގެ އެއްވަނަ ޤައުމު ކަމަށާއި އެންމެ މުހިންމު ކުޅުންތެރިޔާ ނުލާ އަފްޣާނިސްތާނާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އަދި އަފްޣާނިސްތާން ޓީމްގެ ކުޅުންތެރިންނަކީ ރާއްޖޭގެ ކުޅުންތެރިންނަށްވުރެ ފިޒިކަލީ ވަރުގަދަ ކުޅުންތެރިންތަކެއް އެކުލެވޭ ޓީމެއް ކަމަށްވެސް އުރުބާނީ ބުންޏެވެ.


 
ސެމީފައިނަލްގައި އިންޑިޔާއާ ދެކޮޅަށް ނިކުންނައިރު އެޓީމާމެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށާއި ސަބަބަކީ އިންޑިޔާއަކީ ވަރަށް އޮގަނައިޒްޑް އަދި މޮޅު ޓީމެއް ކަމަށެވެ. ސެމީ ފައިނަލަށްވެސް ނިކުންނާނީ މޮޅުވުމުގެ ޢަޒުމުގައި ކަމަށްވެސް ކޯޗް ބުންޏެވެ.


 
އުރުބާނީ ބުނިގޮތުގައި ކުޅޭ ކޮންމެ މެޗެއްގައި ކެޕްޓަން ޢަލީ އަޝްފާޤް ފެނުމަށް މިސަރަޙައްދުގެ ކޮންމެ ޤައުމަކުންވެސް ބޭނުންވާނެ ކަމަށާއި ސަބަބަކީ މިމުބާރާތުގައި މިހާތަނަށް އަޝްފާޤް ދައްކާފައިވާ މޮޅު ކުޅުމާއި ޖަހާފައިވާ ދިހަ ލަނޑުގެ ސަބަބުން ކަމަށެވެ.


 
މެޗަށްފަހު ބޭއްވި ނިއުސް ކޮންފަރެންސުގައި ވާހަކަދައްކަމުން އަފްޣާނިސްތާންގެ ކޯޗް ޔޫސުފް ކަރްގަރ ބުނީ ފައިނަލްގައި ކޮންމެ ޓީމަކާ ވާދަކުރަންޖެހުނަސް ބޭނުންވަނީ ނޭޕާލް ބަލިކޮށް ފައިނަލަށް ދަތުރުކުރަން ކަމަށެވެ.


 
މިއަދުގެ މެޗް އެއްވަރުވި ނަމަވެސް ނޭޕާލް ދަނޑުގައި އެޤައުމުގެ ސަޕޯޓަރުން ކުރިމަތީ ކާމިޔާބު ހޯދުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށާއި ނަމަވެސް އަފްޣާނިސްތާން ޓީމުގެ ވިސްނުން ބިނާކުރާނީ އެހުރިހާ ކަމަށް ބަލާފައި ނޫން ކަމަށްވެސް ކޯޗް ބުންޏެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ ދެމެޗް ހަލްޗޮކް ސްޓޭޑިއަމްގައި ކުޅުމަށްފަހު ދަސްރަތު ސްޓޭޑިއަމަށް އައުމުން ތަފާތު ތަކެއް ފެނުނު ކަމަށާއި މިއަދުގެ މެޗްގައި އެޑްވާންޓޭޖް އޮތީ ހަޤީޤަތުގައި ދިވެހި ރާއްޖެއަށް ކަމަށެވެ. ސަބަބަކީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ދިވެހިރާއްޖެ ކުޅުނީ އެ ސްޓޭޑިއަމްގައި ވާތީ ކަމަށްވެސް އޭނާ ބުންޏެވެ.


 
 


އަފްޣާނިސްތާނާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗް ނިމުނީ ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވެގެންނެވެ. ސެމީ ފައިނަލްގައި އަފްޤާނިސްތާނާ ނޭޕާލް ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗްގައި އިންޑިޔާއާއި ދިވެހި ރާއްޖެ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.