ޚަބަރު

އެމްޑީޕީން ކޮށްފައިވާ ތުހުމަތަށް ޚާރިޖީވަޒީރު ރައްދުދެއްވައިފި.

ޗައިނާގެ ރައީސް ދެކުނުއޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއިން އިސްނަގާފައިވާ މެރިޓައިމް ސިލްކު ރޫޓްގައި ރާއްޖެ ބައިވެރިވުމާއިގުޅޭގޮތުން ޚާރިޖީވަޒީރު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީންކޮށްފައިވާ ތުހުމަތަށް އެކަމަނާ މިއަދު ރައްދުދެއްވައިފި.ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައިވެސް މިކަމަށް އިޝާރާތްކުރައްވާފައިވޭ.އެމްޑީޕީން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޚާރިޖީވަޒީރު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގެތެރޭގައި ޗައިނާގެ ރައީސް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ސިލްކު ރޫޓާއިބެހޭގޮތުން އިންޑިޔާއާއި މަޝްވަރާކުރައްވާފައިވާކަމަށް ވިދާޅުވެފައިވަނިކޮށް ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި އެކަން ދޮގުކޮށްފައި އޮތުމުން ޚާރިޖީވަޒީރު އިތުރުފުޅު ހެއްދެވީކަމަށް.ޚާރިޖީވަޒީރުގެ ފަރާތްޕުޅުން މިއަދު ނެރުއްވި ބަޔާނެއްގައި އެކަމަނާ އެކަމަށް އިޝާރާތްކުރެއްވި ރަސްމީ ޑޮކިއުމަންޓްތަކަށް ހަވާލާދެއްވާފައިވޭ.އެގޮތުން ސެޕްޓެމްބަރ އަށާރަވަނަ ދުވަހު ޗައިނާގެ ޚާރިޖިއްޔާއިން ޝާއިއުކުރި ލިއުމެއްގައި ޗައިނާގެ ރައީސާއި އިންޑިޔާގެ ބޮޑުވަޒީރު ކުރެއްވި މަޝްވަރާތަކުގައި ޗައިނާއިން ހުށަހަޅާފައިވާ މެރިޓައިމް ސިލްކް ރޫޓާއިބެހޭގޮތުން ދެލީޑަރުން މަޝްވަރާކުރައްވާފައިވާކަމަށް އެލިއުމުގައި ބުނެފައިވޭ. އަދި ސިލްކު ރޫޓްގައި ހިމެނޭ އެހެން ބިޔަ މަޝްރޫއުތަކާއިގުޅޭގޮތުންނާއި ދެގައުމުގެ ދެމެދުގައި ފުޅާދާއިރާއެއްގައި އެއްބާރުލުން އިތުރުކުރުމަށް ދެލީޑަރުން މަޝްވަރާކުރައްވާފައިވާކަމަށް ބުނެފައިވޭ.ޚާރިޖީވަޒީރާ ދުންޔާ މައުމޫން ވިދާޅުވީ އެކަމަނާ ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅެއް ހައްދަވާފައިނުވާނެކަމަށް. ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ވަރަށް ވަރުގަދަ ޚާރިޖީ ސިޔާސަތެއްކަށާއި، އެސިޔާސަތު ތަންފީޒްކުރުމަށް އަވަށްޓެރި ގައުމުތަކާއި، އަދި އެހެނިހެން ގައުމުތަކާއި އެކުވެސް މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވި. އަދި ރާއްޖެއަކީ މިނިވަން ގައުމެއްކަމަށާއި، އަމިއްލަ އިހްތިޔާރުގައި ކަންކަން ނިންމުމުގެ މިނިވަންކަން ލިބިގެންވާކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ، އެއްވެސް ގައުމަކާއި އެކު އޮތް ޚާރިޖީ ގުޅުމަށް ބުރޫ އަރާފައި ނުވާކަމަށާއި، އެފަދަ ކަމެއް ނުވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް.އެމްޑީޕީން ނެރުނު ބަޔާނުގައި ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ ޤާނޫނުގައި ކުށް ބަޔާންކޮށް އަދަބު ކަނޑައެޅިފައިވާ އަމަލެއްކަމަށްވާއިރު، ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ރައްޔިތުންގެ މަޖިލީހުގައި ޤަސްދުގައި އިތުރުފުޅު ހައްދަވައި ޤާނޫނާ ޚިލާފުވެވަޑައިގެންފައިވާކަމަށާއި އެކަމަނާ ޚާރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވުމާއިމެދު ވިސްނައިވަޑައިގަތުމަށް އެޕާޓީން އިލްތިމާސްކުރާކަމަށް ބުނެފައިވޭ.ޚާރިޖީވަޒީރުގެ ފަރާތްޕުޅުން މިއަދު ނެރުއްވި ބަޔާނުގައި މެރިޓައިމް ސިލްކު ރޯޑާއިބެހޭގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުމުގައި އެމްޑީޕީއާއި އެޕާޓީގެ ސިޔާސަތު ކުރިއަށްނެރޭ މީޑިއާތަކުން ރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަށް ނެރުމުގެ ބަދަލުގައި އެހެންގައުމެއްގެ މަސްލަހަތު ކުރިއަށްނެރުމަކީ ރާއްޖޭގެ ރައްޔިތުން އެކަމާއި ދެރަވެ ކަންބޮޑުވާކަމެއްކަމަށް ވިދާޅުވެފައިވޭ.