ޚަބަރު

އާސަނދައިން ރާއްޖޭން ބޭރުގެ ޚަރަދުތަކަށް މިއަހަރު ކަނޑައެޅި މިންވަރުން 16% ބޭނުންކުރެވިއްޖެ

އާސަންދައިން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ޚަރަދުކުރަންޖެހޭ މިންވަރުން، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ބޭރަށް އާސަންދައިން ސޯޅަ އިންސައްތަ ޚަރަދުކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައިފި.

އެގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ހަތްދިހަ އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކުރެވިފައި. ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ޙަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް މިކަން ހާމަކުރެއްވީ އެއް އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާއަށް އަށް ލިބިފައިވާ ކުރިއެރުން ހާމަކޮށްދެއްވުމަށް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި.

ސަރުކާރުގެ ހިލޭ ޞީއްޚީ އިންޝުއަރެންސް ސްކީމްގެ ދަށުން ޑަޔަލިސިސްފަރުވާ ބޭނުންވާ ހަސަތޭކަ އަށް ވުރެ ގިނަމީހުންނަށް ދެލައްކަ ފަސްދޮޅަށް ނުވަހާހަހަށް ވުރެ ގިނަ  ރުފިޔާ ވަނީ ޚަރަދުކުރެވިފައި. ސިއްހީ އިންޝިއުރެންސް ސްކީމްގެ ދަށުން ކިޑްނީ ފެއިލްވެފައިވާ މީހުންނަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރެވެންދެން ބޭނުންވާ ޑައިލިސިސްގެ ހިދުމަތަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުން ދެއނީ ހަމަޖައްސައިދެމުން. އަދި ކިޑްނީ ފެއިލްވެފައިވާ މީހުންނަށް ކިޑްނީ ދޭނެ ޑޯނަރެއް ހަމަޖެއްސުމުން ކިޑްނީ ޓްރާންޕްލާންޓްގެ ހުރިހާ ހަރަދެއް ވެސް އެ ސްކީމްގެ ތެރެއިން ހަމަޖެހޭ. އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ،  ރާއްޖެއިން ބޭރަށް އާސަންދައިން ކުރަންޖެހޭ ޚަރަދުގެ ސޯޅަ އިންސައްތަ މިހާރު ޚަރަދުކުރެވިފައިވާ ކަމަށް. 

އާސަންދައިގެ ދަށުން ސަރުކާރުގެ ހުރިހާ ސިއްޚީ މަރުކަޒުތަކަކަށް އާސަންދަ ހިދުމަތް ދެމުން ގެންދާއިރު 122 ފާމަސީ އަކަށާއި 14 އޮޕްޓިކަލްސް އަކުން އާސަންދަ ހިދުމަތް ލިބޭ.  އަދި ޕްރައިވެޓް ފަސް ހޮސްޕިޓަލަކާއި ޕްރައިވެޓް 20 ކްލިނިކަކަށް އާސަންދަ ހިދުމަތް ލިބޭނެ ކަމަށް ވެސް ހެލްތް މިނިސްްޓްރީން މައުލޫމަތުދޭ.  މީގެ އިތުރުން އިންޑިޔާގެ  ސާދަ ހޮސްޕިޓަލަކާއި ލަންކާގެ ހަ ހޮސްޕިޓަލަކުން އާސަންދައިގެ ޚިދުމަތް ލިބޭ.

އާސަންދައިގެ ދަށުން މިއަހަރުގެ މިހާތަނަށް ހަތްސަތޭކަ ފަންސާސް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާ އިރު އެކި ފަރާތްތަކަށް ދައްކާފައިވާ އަދަދު ހަތަރުސަތޭކަ ހަތްދިހަ ނުވަ މިލިއަން ރުފިޔާ ވަނީ ދެއްކިފައި.