ޚަބަރު

އެއަރޕޯޓާއެކު ކުޑަހުވަދޫގައި އުފެދޭ 250 ވަޒީފާއަށް ތަމްރީނުކުރަނީ

ދ. ކުޑަހުވަދޫގައި އަންނަ އަހަރު ހުޅުވާ އެއާރޕޯޓާއި ރިސޯޓަށް ބޭނުންވާ  250 ވަޒީފާއަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ވިދާޅުވީ، ތަރުބަވީ ތައުލީމްގެ ތެރެއިން ޒުވާނުން ފަންނީ ދާއިރާތަކުން ހުނަރުވެރި ކުރުވުމުގެ ސިޔާސަތުގެ ދަށުން، ކުންފުނިތަކަށް ބޭނުންވާ ތަފާތު މަސައްކަތްތެރިންގެ މައުލޫމާތު މިނިސްޓްރީން އޮޅުން ފިލުވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު ރިސޯޓަކާއި އެއާރޕޯޓެއް ދ.އަތޮޅުގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ރިއެލޯ ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމަށް މިހާރު މަޝްވަރާކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ، ކުޑަހުވަދޫގައި ހުންނަ ވޮކޭޝަނަލް ސެންޓަރުގައި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން އޮތޯރިޓީގެ ރެފްރިޖެރޭޝަން އެންޑް އެއަރކޮންޑިޝަން އަދި އިލެކްޓްރިޝަން ކޯހެއް މިދިޔަ މަހު ފަށައިގެން ކުރިޔަށްދާ ކަމަށާއި ކޯހުގައި ސާޅީސް ދަރިވަރަކު ބައިވެރިވެފައިވާ ކަމަށެވެ. މީގެ އިތުރުން ފާމަސިސްޓުން ތަމްރީނުކުރުމަށް ހުޅުވާލި ފުރުސަތުގައި ޝަރުތުހަމަވާ ފައްސަތޭކަ އެކާވީސް ފަރާތަކުން ބައިވެރިވެ ކޯސް ފުރިހަމަކުރަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.