ޚަބަރު

ވޭތުވެދިޔަ އަހަރަކީ އިސްލާމީގޮތުން ރާއްޖެއަށް ފާގަތި އަހަރެއް

ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖެ
އޮތީ އެއްބައިވަންތަކަން އިތުރަށް ވަރުގަދަ ކުރަންޖެހިފައި ކަމުގައި ވީނަމަވެސް މިހާރު ރާއްޖޭގައި އިސްލާމީ އެއްބައިވަންތަކަން
ޤާއިމް ކުރެވިފައިވާ ކަމަށާއި ވޭތުވެދިޔަ އަހަރަކީ އިސްލާމީ ގޮތުން ރާއްޖެއަށް
ވަރަށް ފާގަތި އަހަރެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ
ސައީދު ވިދާޅުވެއްޖެ. ރައީސް ޔާމީންގެ ސަރުކާރަށް އެއް އަހަރު ފުރެމުންދާއިރު
މިނިސްޓްރީ އޮފް އިސްލާމިކް އެފައަރޒްއިން ޙާސިލްކޮށްފައިވާ ކަންތައްތަކުގެ
މައުލޫމާތު ނޫސްވެރިންނާ ޙިއްސާ ކުރައްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހި
ކުރައްވާފައިވާ ކަމަށާއި އޭގެ ތެރެއިންވެސް ފަލަސްތީނުގެ މައްސަލާގައި
ދިވެހިސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަކީ އިސްލާމީ ދުނިޔެއިން ބަލައިގަތް
ސިޔާސަތުތަކެއް ކަމަށް.އިސްލާމީ މަރުކަޒުގައި ހޮނިހިރު
ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އިސްލާމީ އެއްބައިވަންތަކަމާއި ދީނީ ވަހުދަތު
ޙިމާޔަތް ކުރުމަށްޓަކައި ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ނިމިގެން މިދާ އަހަރު
ކުރައްވަފައިވާ ކަމަށް. އެގޮތުން ދީނީ ހޭލުންތެރި ކުރުމަށާއި އިސްލާމީ ޝަރީއަތުގެ
ފިގުހު ދިވެހި ބަހަށް ތަރުޖަމާ ކުރުމާއި ޙައްޖުގެ ނިޒާމު ހަރުދަނާ ކުރުމާއި
ޒަކާތުގެ ކަންތައް ތަރައްޤީ ކުރުމާއި އަލަށް މިސްކިތް ބިނާކުރުމުގެ އިތުރުން
މިސްކިތް މަރާމާތު ކުރުމާއި ޙަލާލު ސެޓްފިކެޓް ދިނުމުގެ މަސައްކަތްތައް
ކުރައްވާފައިވާ ކަމަށް. މީގެ އިތުރުން ވަގުފުގެ ނިޒާމް ހަރުދަނާ ކުރުމާއި
ޓެކްނޮލޮޖީގެ މެދުވެރިކޮށް މިނިސްޓްރީގެ މަސައްކަތްތައް ލުއި ފަސޭހަކަމާއެކު
ކުރިއަށް ގެންދިއުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށް މިނިސްޓަރ ޝަހީމް
ވިދާޅުވި.އިސްލާމިކް މިނިސްޓަރ
ވިދާޅުވީ ޓީޗަރުންނަށާއި ދަރިވަރުންނާއި ޖަލުތަކުގައި ތިބޭ ފަރާތްތަކަށް  ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ތަފާތު
ޕްރޮގްރާމް ހިންގާފައިވާ ކަމަށް. އެގޮތުން މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް 45
ޕްރޮގްރާމް އަދި އަތޮޅުތެރޭގައި 71 ޕްރޮގްރާމްގެ އިތުރުން ޖަލުތަކުގައި ތިބި
ޤައިދީންނަށްދީނީ ހޭލުންތެރިކަމުގެ 76 ޕްރޮގްރާމް ހިންގާފައިވާ ކަމަށް އިސްލާމިކް
މިނިސްޓަރ ވިދާޅުވި.ނޫސްވެރިންނާ
ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރވަނީ މިސްކިތުފަންޑުގެ މަސައްކަތްތަކާއި
ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތާއި ޙައްދުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް
ކުރައްވާފައިވާ މަސައްކަތްތަކުގެ ތަފްސީލް ދެއްވާފަ. މިނިސްޓަރ ޝަހީމް ވިދާޅުވީ
ދިވެހިރާއްޖެއަށް ޚާއްސަކޮށްގެން މުސްޙަފެއް ޗާޕް ކުރުމުގެ މަސައްކަތް ކުރިއަށް
ގެންދަވާ ކަމަށާއި އަންނަ އަހަރުގެ ޖުލައި ސައްބީހުގެ ކުރިން އެ މުސްހަފް ނެރެވޭތޯ
މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް.އިސްލާމިކް
މިނިސްޓްރީއިން ފާއިތުވަމުންމިދާ އަހަރުގެ ތެރޭގައި ކުރެވުނު މަސައްތަކުގެ
ތަފްސީލް ހާމަ ކުރެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުވެސް ގިނަ
ކަންތައްތަކެއް ކުރެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް. އެގޮތުން
ކީރިތި ޤުރުއާން ހިތުން ދަސްކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން
އަންނަ އަހަރު އަތޮޅު ތެރޭގައި މަދުވެގެން އިތުރު 5 ގޮފި ހުޅުވުމަށް ނިންމާފައިވާ
ކަމަށާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިތުރު 2 އަތޮޅެއް މާލޭގެ ސެންޓަރާ
ގުޅާލުމުގެ އިތުރުން މިސްކިތް އެޅުމުގެ 20 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް
ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު
ވިދާޅުވި.