ޚަބަރު

މަސްވެރިންގެ ދުވަހާއި ގުޅިގެން ހާއްސަ ބާޒާރެއް ބާއްވަނީ

މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ މަސްވެރިކަމާއި ގުޅުންހުރި ތަކެތި ދައްކުވައިދޭ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި.އެމިނިސްޓްރީން ބުނީ މި ފުރުސަތު މި ނޮވެމްބަރު މަހުގެ ތޭރަވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށް.ދިވެހިރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކާއި މަސްވެރިކަން ކުރުމުގައި ބޭނުންކުރާ ތަފާތު އާލާތްތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އަދި ކުރެވިދާނެ ޒަމާނީ ވަސީލަތްތައް މި ބާޒާރުގައި ދައްކުވައިދެވޭނެކަމަށާއި  މި ބާޒާރުގައި މަސްވެރިންނާއި ގުޅުންހުރި ތަކެތި އިޝްތިހާރުކޮށް ވިޔަފާރި އުސޫލުން ވިއްކުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނޭ. މި ބާޒާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އެގާރައިން ބާރައަށްކަމަށް އެމިނިސްޓްރީން ބުނޭ.މި އަހަރު ފާހަގަކުރަނީ ތިރީސް ހަތަރުވަނަ މަސްވެރިންދުވަސް. މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ޅ. ނައިފަރުގައި.