ޚަބަރު

ގަމުގައި އަޅާ އެއަރޕޯޓް ހޮޓާ ޑިސެމްބަރ މަހު ޓެންޑަރަށް ހުޅުވާލަނީ

އައްޑޫ ސިޓީގެ ގަމުގައި ތަރައްޤީ ކުރަން ނިންމާފައިވާ އެއަރޕޯޓް ހޮޓާ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އަނެއްކާވެސް ޓެންޑަރަށް ހުޅުވާލާނެކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ބުނެފިއެވެ.ސ. ގަމުގައި ތަރައްޤީ ކުރާ އެއަރޕޯޓް ހޮޓާ މީގެ ކުރިންވަނީ 2 ފަހަރެއްގެ މަތިން ބީލަމަށްލާފައެވެ.މި އަހަރު ތެރޭގައި 2 ފަހަރަށް ބީލަމަށް ލީ ނަމަވެސް އެއްވެސް ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވުމާއި ގުޅިގެން 3 ވަނަ ފަހަރަށް ބައިނަލް އަގްވާމީ ޓެންޑަރަށް ހުޅުވާލައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު އަންނަ ޑިސެމްބަރ މަހުގެ ތެރޭގައި ހުޅުވާލަން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީ ( އޭއައިއޭ) އިން ވަނީ ނިންމާފައެވެ. އޭއައިއޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވީ ގަން އެއަރޕޯޓްގައި ތަރައްޤީ ކުރަން ނިންމާފައިވާ ހޮޓަލަކީ އިންޓަނޭޝަނަލް އެއަރޕޯޓެއްގައި ކޮންމެހެން ހުންނަން ޖެހޭ ހޮޓަލެއްކަމަށާއި، ހޮޓާ ތަރައްޤީ ކުރުމުގެ މަސައްކަތް އެކުންފުނިން ހުއްޓާނުލައި ކުރިއަށްގެންދާނެކަމަށެވެ.އަދި އެމަސައްކަތް ކުރިއަށް ނުގެންދެވި ލަސްވީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދާތީކަމަށްވެސް އޭނާ ވިދާޅުވިއެވެ.ގަމުގެ ބައިނަލް އަގްވާމީ ވައިގެ ބަނދަރުގައި ފެންވަރު ރަގަޅު ހޮޓަލެއް ތަރައްގީ ކުރުމަށް އަންނަ މަހުގެ ތެރޭގައި ހުޅުވާލާއިރު، މި ހޮޓާ ތަރައްޤީކޮށް ހިންގުމަށް ބޭނުންވާ ބަޔަކަށް 50 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.ގަމުގެ އެއަރޕޯޓްގައި ހޮޓަލެއް ތަރައްޤީ ކުރުމަށް ނިންމާފައިވާއިރު، އެއަރޕޯޓް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢެއްވެސް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން އެއެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ހިންކަންޖެހޭ ބިން ހިއްކާ ނިމިފައިވާއިރު، ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.