ޚަބަރު

އެއް ނަޒަރަކުން ދެކިގެން ނޫނީ ސެޒްގެ ފޮނި މީރުކަމެއް ނުލިބޭނެ
 


ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ އެސްއީޒެޑް ބިލާމެދު  ސިޔާސީ އަދި ގައުމީ ފެންވަރެއްގައި އެއް ނަޒަރަކުން ދެކިގެން ނޫނީ އޭގެ ފޮނި މީރުކަމެއް ނުލިބޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ ގަވަރނަރ ޑރ.އަޒީމާ އާދަމް ވިދާޅުވެއްޖެއެވެ.


 
އަޒީމާ މިހެން ވިދާޅުވީ ދިވެހި ގައުމީ ޔުނިވަސިޓީގެ ބިޒްނަސް ސްކޫލްގެ ސްޓޫޑެންޓް އެސޯސިއޭޝަނާއި އެމްބީސީ ގުޅިގެން ގެނެސްދިން، "އެސްއީޒީގެ ހަފަރާތް- މާހިރުންގެ ދުލުން" ފޯރަމް ފަށްޓަވާ ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.


 
 ގަވަރުނަރު ވިދާޅުވީ ސިޔާސީ ވިސްނުމާއި ފިކުރު ބައްޓަން ވެގެން ދާނީ އިގްތިސާދީ ވިސްނުމާއި ފިކުރުގެ ތެރެއިން ކަމުގައިވާ އިރު، އިގްތިސާދީ ކަންތައްތަކާ މެދު ސިޔާސީ ހިޔާލު ތަފާތުވުން ހުންނާނެ ކަމަށެވެ. ނަމަވެސް އިގްތިސާދީ ބޮޑެތި ނިންމުންތައް ނިންމުމުގައި ސިޔާސީ ހިޔާލު ތަފާތުވުންތަކަށް ނިމުމެއް އަންނަން ޖެހޭނެ ކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ. ސްޕެޝަލް އިކޮނޮމިކް ޒޯން ކާމިޔާބު ކަމާ އެކު ހިންގޭނީ، ވަކި ކަންތައްތަކެއް ފުރިހަމަ ކުރެވިގެންކަމަށާއި ގައުމެއްގެ އިގްތިސާދު ކުރިފަޅައި ހެދޭނީ ގައުމުގައި ސިޔާސީ ހަމަޖެހުން އޮވެގެންކަމަށްވެސް ވިދާޅުވިއެވެ. އެސްއީޒެޑަކީ ސިޔާސީ އޮއިވަރެއްގެ ތެރޭ އެނބުރެމުންދާ އެއްޗަކަށް ވެގެން، އޭގެ ފޮނި މީރު ކަމެއް ނުލިބޭނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ.


 
އެސްއީޒެޑާ ގުޅޭ ތަފާތު ތަޖުރިބާތައް ދުނިޔެ ދެކެމުން އަންނަކަން ފާހަގަ ކުރައްވަމުން ގަވަރުނަރު ވިދާޅުވީ ރާއްޖޭގައި އެސްއީޒެޑްގެ ގާނޫނު ކާމިޔާބު ވާނީ ރާއްޖޭގެ ހާލަތަށް އެންމެ އެކަށީގެންވާ ގޮތަކަށް ސްޕެޝަލް އިކޮނޮމިކްޒޯންތައް ބައްޓަން ކުރެވިގެން ކަމަށެވެ. އިކޮނޮމިކް ޒޯންތައް ކާމިޔާބު ކުރުމަށްޓަކައި ދިގު ރާސްތާ ތަސައްވުރެއް އެކުލަވާލަން ޖެހިފައިވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. އަދި އެކަމުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނީ ދިގު ރާސްތާ ޕްލޭނެއް އޮވެގެން ކަމުގައިވެސް އެމްއެމްއޭގެ ގަވަރނަރ ޑރ.އަޒީމާ އާދަމް ވިދާޅުވިއެވެ. ޑރ އަޒީމާ ވިދާޅުވީ ދުނިޔޭގެ 130  ގައުމެއްގައި 3500 އަށް ވުރެ ގިނަ އިކޮނޮމިކް ޒޯންތައް ގާއިމްކޮށްފަވާކަމަށެވެ. އަދި މިފަދަ ޒޯންތަކުގައި 40 މިލިއަނަށް ވުރެ ގިނަ މީހުން މަސައްކަތް ކުރާއިރު، ދުނިޔޭގެ 200 ބިލިއަން ޑޮލަރު އެކްސްޕޯޓް އެ ޒޯންތަކުން ކުރުމަކީ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމުގެ ހެކި ލިބޭ ކަމެއް ކަމަށް ވެސް ގަވަރުނަރގެ ވާހަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ.


 
 


ގަވަރނަރ ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގައި ދިމާވަމުން އަންނަ އެކިއެކި ކަންކަމާއި ބެހޭގޮތުން އިލްމީ ނަޒަރަކުން ބަލާލުމަކީ ވަރަށް މުހިއްމުކަމެއްކަމުގައެވެ.