ދުނިޔެ

ޣައްޒާއަށް މިއަދު ދިން ހަމަލާއެއްގައި ފަލަސްޠީނުގެ 4މީހުން ޝަހީދުކޮށްލައިފި




 


ހަމާސް ޖަމާޢަތާއި އިސްރާއީލުން ކުރިއަށް އޮތް ތިން ދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓާލިކަން އިއުލާނުކޮށްފައިވަނިކޮށް އިސްރާއީލުން ޣައްޒާގެ ދެކުނަށް ދިން ހަމަލާއެއްގައި ފަލަސްޠީނުގެ 4 މީހުން ޝަހީދުކޮށްލައިފިއެވެ.


 
މިމީހުންނަށް ހަމަލާ ދީފައިވަނީ އިސްރާއީލުގެ ޓޭންކަރަކުން ކަމަށް އޭ.އެފް.ޕީން މަޢުލޫމާތުދެއެވެ. އިސްރާއީލުގެ މި ހަމަލާ ފަލަސްޠީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިންނާ ހަމާސްއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަނެއްކޮޅުން، ހަމާސްގެ ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ ތިން މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. އަދި ޣައްޒާއަށް ހަމަލާ ދީފައިވަނީ މިހަމަލާގެ ރައްދުގައި ކަމަށް ވެސް ޔަހޫދީ ދައުލަތުން ބުނެއެވެ.


 
ދެފަރާތުން ހަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުމަށް ޢަމަލުކުރަން ފަށަން ނިންމާފަ އޮތީ ޣައްޒާ ގަޑިން ހެނދުނު 8 ޖަހާއިރު ކަމަށް ޚަބަރު ލިބެއެވެ. އެހެން ނަމަވެސް ހަމަލާތައް ބަދަލުކުރަން އެއްބަސްވި ގަޑީގެ ކުޑަ އިރުކޮޅެއް ކުރިންވެސް އިސްރާއީލުން ޣައްޒާގެ ސަރަހައްދަކަށް ދިން ހަމަލާއެއްގައި 10 މީހުންގެ އާއިލާއެއް ޝަހީދުކޮށްލާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ. ދެފަރާތުން ހަމަލާތައް ބަދަލުކުރުން މެދުކަނޑާލަން އެއްބަސްވީ އިސްރާއީލުން ޣައްޒާއަށް ދީފައިވާ އަނިޔާވެރި އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކަމަށް ޚަބަރު ލިބެއެވެ.


 
ހަމަލާތައް ބަދަލުކުރުން ހުއްޓުވުމަށް ގޮވާލާ އެއްބަސްވުން ޤާއިމުކޮށްފައިވަނީ އދއާއި އެމެރިކާގެ އިސްނެގުމުގެ މަތިންނެވެ. ދެފަރާތުން ވެސް މިއެއްބަސްވުމަށް އިހްތިރާމް ކުރުމަށް އެމެރިކާއާއި އދން ވަނީ ގޮވާލާފައެވެ. ޖުލައި މަހުގެ 8 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 1450 ށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.