ޚަބަރު

ފަލަސްތީނުގެ މުސްލިމުންނަށް ސަލާމަތްކަން ދެއްވާތޯ ދުޢާކުރުން މުހިންމު-




 


އިސްރާއީލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އިހްތިޖާޖްތައް ބޭއްވި ނަމަވެސް އިސްލާމީ ރިވެތި އަހްލާޤުން ބޭރުނުވެ އިހްތިޖާޖް ކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އިލްތިމާސް ކުރައްވައިފިއެވެ.


 
މިކަމާއި ގުޅޭގޮތުން އިއްޔެ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފުނުވެ އިހްތިޖާޖް ކުރުމުގެ ހައްޤު ކޮންމެ ފަރާތަކަށްވެސް ލިބިގެން ވާކަމަށެވެ. ނަމަވެސް އެފަދަ ހަރަކާތްތަކުގެ ތެރެއިން ޤައުމުތަކުގެ ދިދަ އެންދުމާ ހުތުރު ބަސްތަކުން މުޢާމަލާތް ކުރުމާއި ޑިޕްލޮމެޓިކް އިދާރާތަކުގެ ހުރުމަތް ކެނޑޭ ފަދަ ޢަމަލުތައް ނުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.


 
 


މިނިސްޓަރ ވިދާޅުވީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާކަމަށާ ކޮންމެ ދިވެހި ރައްޔިތަކުވެސް ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ސަލާމަތްކަން ދެއްވާތޯ ދުޢާކުރުން މުހިންމު ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށް ތަކެއްގައި ރަމަޟާން މަހުގެ ތަރާވީހުގެ ފަހުން ކުރާ ވިތުރީގައި ޤުނޫތާއެކު ދުޢާކުރުމަށް އިމާމުންނަށް އެންގެވުމަށް އެރަށް ރަށުގެ ކައުންސިލް ތަކަށް އަންގަވާފައި ވާނެކަމަށާއި، އެ އެންގެވުމާ އެކު ދުޢާވެސް ކައުންސިލް ތަކަށް ފޮނުއްވާފައިވާނެ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.